ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ކުރި ހުކުމް ރިވިއު ކުރާ މައްސަލަ މާދަމާ ނިންމަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފިއެވެ.
އެ މައްސަލަ ނިންމަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު 01:00 ގައެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
އުތުރު ޕްރޮވިންސްގެ އަތޮޅުތަކަށް ފެރީ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އެއީ 348.10 މިލިއަން ރުފިޔާއެވެ. އޭގެ ފަހުން ހައިކޯޓުން އެ ހުކުމް ބާތިލް ކުރިއެވެ.
ނަމަވެސް ހައި ކޯޓުން އެހުކުމް ބާތިލް ކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓާފައެވެ.
އެ މައްސަލާގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހު 14 ގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ސިވިލް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައި އޮތީ ކޮންޓްރެކްޓަރާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގާދިނުމުގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި އެހާ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ކަނޑައެޅި ގޮތް ވެސް ނޭނގޭ ކަމަށް ދައުލަތުން ބުނެފަވެއެވެ.
ދައުލަތުން އިތުރަށް ބުނީ އިސްތިއުނާފު މުއްދަތު ހަމަވެފައި އޮތް ނަމަވެސް މަގުބޫލު އުޒުރެއް އޮތް ނަމަ މައްސަލަ ބަލައިގަނެވިދާނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި އޮންނަ ކަން ފާހަގަކޮށް ދައުލަތުން ބުނީ އެކަމަށް މަގުބޫލު ސަބަބުތަކަކީ ކޮބައިިކަން ދީބާޖާ މައްސަލައިގައި ނިންމި ނިންމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނެތް ކަމަށެވެ.
އެހެންވުމުން ދީބާޖާގެ މައްސަލަ ހައި ކޯޓުން ބަލައިގެންފައި އޮތީ ރަނގަޅަށް ކަމަށާއި އަދި ހައި ކޯޓުން މައްސަލަ ބަލައިގަތީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ މާޒީއަށް ގާނޫނު ނުހިންގުމުގެ ގާނޫނީ އުސޫލާ ހިފަށް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
ދައުލަތުން ވަނީ ސުޕްރީމް ކޯޓުން ކުރިން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން ނިންމި ނިންމުމަކަށް ވާތީ އެ ނިންމުން ބާތިލުކޮށް މައުލޫއީ ގޮތުން އެ މައްސަލަ ބަލާ ނަމަ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް އެދިފައެވެ.