ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލު ކުރުމާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ އެއްބަސްވުން ގާނޫނާ ހިލާފަށް ބާތިލް ކުރި ކަމަށް ދީބާޖާއިން ފާހަގަ ކުރާ ނުކުތާތަކާއި ގާނޫނާ ހިލާފަށް ނޫން ކަމަށް ދައުލަތުން ފާހަގަ ކުރާ ނުކުތާތަކާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއިން ހުށަހަޅާފައިވާ ހިސާބުތަކާ ގުޅޭ ގޮތުންނެވެ.
ދީބާޖާގެ ފަރާތުން ބުނީ އެއްބަސްވުން ބާތިލް ކޮށްފައި ވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިއަށް ދޭން ޖެހޭނެ ކަމަށް އޭގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި ކަމަށާއި އެއްބަސްވުން ބާތިލް ކުރުމުގެ ކުރިއަށް ކުރަން ޖެހޭ މަޝްވަރާތަކާއި އޭގެ ކުރިއަށް އެއްބަސްވުން މުރާޖައާ ކުރަން ޖެހޭތޯ ބަލަން ރިވިއު ކޮމިޓީއެއް ނަގައިގެން ކުރަން ޖެހޭ ކަންކަން ވެސް ކޮށްފައި ނުވާ ކަމަށެވެ.
ދައުލަތުގެ ބުނީ "އިމޭޑިއޭޓް ޓާމިނޭޝަން" ގެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި އަދި ދެން އޮތް ހަމާގައި ބަޔާން ކުރާ މަރުހަލާތައް ފުރިހަމަ ކުރުމެއް ވެސް ނެތި ބާތިލް ކުރެވޭނެ ކަމަށެވެ.
އެކަމަށް ދީބާޖާއިން ބުނީ އެ މާއްދާގައި ވެސް ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ބަޔާން ކޮށްފައި އޮތް ކަމަށާއި އެހެންވިޔަސް ދައުލަތުން އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރީ ކަމަށެވެ. ދައުލަތުން ވަނީ އެއްބަސްވުމުގައިވާ ހިދުމަތްތައް ދެމުން ނުދާނަމަ އެ މާއްދާގެ ދަށުން ނޯޓިސް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރަން ޖާގަދޭ ކަމަށްވެސް ބުނެފައެވެ.
އުތުރު ޕްރޮވިންސްގެ އަތޮޅުތަކަށް ފެރީ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އެއީ 348.10 މިލިއަން ރުފިޔާއެވެ. އޭގެ ފަހުން ހައިކޯޓުން އެ ހުކުމް ބާތިލް ކުރިއެވެ.
ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. ނަމަވެސް ހައި ކޯޓުން އެހުކުމް ބާތިލް ކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓާފައެވެ.
އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.
އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.