ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ނިންމައި ސީދާ ގެއްލުމުގެ ބަދަލު ނަގައިދޭން ސިވިލް ކޯޓަށް ހުށަހަޅަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ހުކުމްކޮށްފައިވަނީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އަދި އެ ކުންފުންޏަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.
މިއަދު އެ މައްސަލާގެ އިސްތިއުނާފީ މަރުހަލާގައި ސްޕްރީމް ކޯޓުން ކުރި ހުކުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔާ ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔު އެއް ގޮތް ނަމަވެސް ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔު ތަފާތެވެ.
ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެހެންވެ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށާއި އެއީ އެއްބަސްވުން ބާތިލުކުރިއިރު ބ. ފުޅަދު އާއި އެ އަތޮޅު ފެހެންދޫ ފިޔަވައި އެެހެން ހުރިހާ ރަށަކަށް ހިދުމަތް ދެމުން ދިޔަ ކަމާއި އެ ހާލަތުގައި އެއްބަސްވުން ބާތިލުކުރެވެނީ 90 ދުވަހުގެ ނޯޓިސްއެއް ދީފައި ކަމަށެވެ.
ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔާއި އަލީ ރަޝީދުގެ ރައުޔު ދާދިއެއްގޮތް ނަމަވެސް ފަނޑިޔާރު މަހާޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ދިން އެއް ހަފުތާގެ މުއްދަތުގެ ތެރޭގައި ދީބާޖާއިން ހިދުމަތް ފެށިފައި ނުވާ ކަމަށް ފާހަގަކުރައްވާފައެވެ.
އުތުރު ޕްރޮވިންސްގެ އަތޮޅުތަކަށް ފެރީ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އެއީ 348.10 މިލިއަން ރުފިޔާއެވެ. އޭގެ ފަހުން ހައިކޯޓުން އެ ހުކުމް ބާތިލް ކުރިއެވެ.
ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. ނަމަވެސް ހައި ކޯޓުން އެހުކުމް ބާތިލް ކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ދަމަހައްޓާފައެވެ.
އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު، 2022ގައެވެ. ނަމަވެސް ދައުލަތާއި ދީބާޖާ އާ ދައުލަތާއެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.