ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން އުވާލި މައްސަލައިގައި ދީބާޖާ އިންވެސްޓްމަންޓަށް ލިބުނު ގެއްލުމުގެ ބަދަލުގައި ލިބުނު ގެއްލުމަށް ވުރެ އިތުރަށް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށާއި، އެ ކުންފުންޏަށް ދޭން ނުޖެހޭ ފައިސާ ދިނުމުގައި ޒިންމާވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މައްސަލަ ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލް އޮފީހުން އަންގައިފިއެވެ.

އޮޑީޓާ ޖެނެރަލް އޮފީހުން މިހެން ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު، ދީބާޖާ އާއެކު ސަރުކާރުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެން ހެދި އޮޑިޓް ރިޕޯޓުގައެވެ.

މިއަދު އޮޑިޓް އޮފީހުން އާންމުކުރި އެ ރިޕޯޓްގައި ބުނެފައި ވަނީ، އެ ސެޓްލްމަންޓް އެގްރިމަންޓްގައި ކެޕިޓަލް އިންވެސްޓްމަންޓްގެ އަގަށް ދިނުމަށް ކަނޑައެޅު ފައިސާގެ އަދަދަށާއި، ދަތުރުފަތުރު ހިދުމަތް ދިނުމަށް ތިން އަހަރުގެ ތެރޭގައި ހިނގާނެ ކަމަށް އަންދާޒާ ކޮށްފައިވާ ހަރަދުގެ މައްޗަށް ބިނާކޮށް ދަތުރު ފަތުރުގެ ހިދުމަތް ދީގެން ދީބާޖާ އިންވެސްޓްމަންޓަށް ވެފައިވާ ގެއްލުމުގެ އަގު ކަނޑައެޅުމާއި، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ދީބާޖާ އިންވެސްޓްމަންޓަށް ލިބިފައިވާ މާލީ މަންފާއަށެވެ.

64 މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވުމެއް ހަދާފައި ވަނީ، ފެބްރުއަރީ 1، 2010 ގައި ހެދި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބުނު އެހެނިހެން މަންފާތަކުގެ އަގަށް ރިއާޔަތް ނުކޮށް ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެގޮތުން ކެޕިޓަލް އިންވެސްޓްމަންޓެއްގެ ގޮތުގައި 14،726،691 ރުފިޔާ ނަގައިދިނުމަށް ކަނޑައަލާފައިވާ އިރު، އެ އަދަދުގެ ތެރެއިން 11،966،691 ރުފިޔާއަކީ ދީބާޖާއާއި އަމިއްލަ އެހެން ކުންފުންޏަކާ ދެމެދު ފެރީގެ އުޅަނދުތައް ބަނުމަށް ހަދާފައިވާ އެއްބަސްވުމުގެ ޖުމްލަ އަގެވެ. އެ އެއްބަސްވުމުގެ ދަށޫން މަސައްކަތް ކޮށްފައިވަނީ ކިތައް ފެރީ ބަނުމަށް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ދީބާޖާއިން ހަރަދުކޮށްފައިވާ މިންވަރު ގެއްލުމުގެ ބަދަލަށް ދޭނެ ފައިސާގެ އަދަދު ކަނޑައެޅި އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން މިކަންކަން ބަލާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ހަމައެއާއެކު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖެއިން ބޭރުން ގެނައި ތަކެތީގެ އަގަށް 2،760،000 ރުފިޔާ ނަގައި ދިނުމަށް ކަނޑައެޅި އިރު، އެ ތަކެއްޗާ މެދު ދީބާޖާއިން ކަންތައް ކޯށްފަިއވާ ގޮތާއި، އަދި އެ ތަކެތި ވިއްކާލައިގެން އެއްވެސް މާލީ މަންފާއެއް ހޯދާފައިވޭތޯ ވެސް އެ ކޮމިޓީން ބަލާފައެއް ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.

އަދި ދަތުރުފަތުރުގެ އެއްބަސްވުން ދެމިއޮތް 3 އަހަރު ތެރޭގައި ދަތުރުފަތުރުގެ ހިދުމަތްދީގެން އެ ކުންފުންނަށް ލިބުނު ގެއްލުމުގެ ބަދަލަށް 49،540،000 ރުފިޔާ ކަނޑައަޅާފައި ވަނީ ދީބާޖާއިން އަންދާޒާކޮށްފައި ދީފައިވާ އަދަދުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެގޮތުން މި އަދަދު ދޭން ކަނޑައެލީ އިރު، އެ ތިން އަހަރު ތެރޭގައި ދީބާޖާއިން ދަތުރުފަތުރު ކުރުމަށް ކޮށްފައިވާ އެކްޗުއަލް ހަރަދަށް ބަލާފައި ނުވާ ކަމާއި އެ ކުންފުންޏަށް ލިބުނު މާލީ ގެއްލުމުގެ އަދަދަށް ވެސް ރިއާޔަތްކޯށްފައި ނުވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. އަދި އެ މުއްދަތުގެ ހަރަދަށާއި ލިބުނު ގެއްލުމަށް ބަލާނަމަ އެންމެ ގިނަ ވެގެން ވެސް ލިބޭނެ ގެއްލުމަކީ 48 މިލިއަން ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ނަމަވެސް ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށޫން އެ ހިދުމަތަށް ސަބްސިޑައިޒްކުރުމުގެ ގޮތުން ދީބާޖާއަށް ދޫކުރި ރ. ކުޑަކުރަތު ރިސޯޓް ތަރައްގީ ކުރުމަށް ވިއްކާލައިގެން ވަނީ 65.54 މިލިއަން ރުފިޔާގެ މާލީ މަންފާއެއް ލިބިފައެވެ. އެހެންކަމުން އެ ކުންފުންނަށް ލިބުނު މާލީ ގެއްލުމާ އަޅާ ބަލާއިރު، އެ ރަށް ވިއްކާލައިގެން ލިބުނު މަންފާ ބޮޑު ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެހެންކަމުން ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމަށް ބަދަލު ނަގައި ދިނުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގައި 64 މިލިއަން ރުފިޔާގެ މާލީ ބަދަލެއް ދިނުމަށް ކަނޑައެޅުމަކީ އެ ކުންފުންނަށް އިތުރު މާލީ މަންފާއެއް ލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އަދި ރ. ކުޑަކުރަތު ވިއްކާލައިގެން ބޮޑު މާލީ މަންފާއެއް ލިބިފައި ވާޓީ އެ ކުންފުންނަށް އިތުރު މާލީ ބަދަލެއް ނަގައިދޭން ނުޖެހޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ކުންފުންޏާ އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ. އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ދީބާޖާއަށް 348 މިލިއަންގެ ބަދަލެއް ދޭން ސިވިލް ކޯޓުން 2016 ގައި ހުކުމްކުރި އިރު، ސިވިލް ކޯޓުގެ ހުކުމް 2018 ގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ. ހައި ކޯޓުގެ ހުކުމް 2019 ގައި ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ އިރު، ސުޕްރީމް ކޯޓުގެ ނިންމުން 2021 ގައި ރިވިއުކޮށް، ކުރީގެ ނިންމުން ވަނީ ބާތިލްކޮށްފައެވެ. އެއަށް ފަހު ދީބާޖާއިން އަލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން 2022 ގައި އެ ކޯޓުން ވަނީ ދީބާޖާއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އެހެންވެ، އެ ކުންފުންޏަށް ބަދަލު ލިބެންޖެހޭނެ ކަމަށް ހުކުމްކޮށްފައެވެ.

އެއަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ވަނީ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 64 މިލިއަން ރުފިޔާ ދޭން ނިންމާފައެވެ. އެގޮތުން އޮގަސްތް 13، 2023 ގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ދީބާޖާއާއެކު ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، އެ އެއްބަސްވުމުގެ ދަށުން 12.8 މިލިއަން ރުފިޔާ ސެޕްޓެމްބަރު 19، 2023 ގައި ވަނީ ދައުލަތުން ދައްކާފައެވެ.