ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރީ، އެ ހިދުމަތް ނުލިބޭތީ ކަމަށާއި އެކަމާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ބަދަލެއް ނޯންނާނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިިއެވެ.
ދީބާޖާ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑު އެހުމުގައި ދައުލަތުން ވާހަކަ ދައްކަމުން ބުނެފައި ވަނީ، ފެރީގެ ހިދުމަތް ނުލިބޭތީ ތަކުރާރުކޮށް ޝަކުވާ ލިބެމުން ދިޔަ ކަމަށާއި އެކަން ދީބާޖާގެ ސަމާލު ކަމަށް ސަރުކާރުން ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް މެދުކެނޑުނު ކަމަށާއި އެކަމާ ގުޅިގެން ދީބާޖާއާ އެކު ބައްދަލުވުންތައް ބާއްވައި، ހިދުމަތް އަލުން ފަށަން ފުރުސަތު ދިން ކަމަށް ދައުލަތުން ބުނެއެވެ.
ދީބާޖާއާ އެކު އެއްބަސްވުން ހެދީ ފެރީގެ ނިޒާމެއް ގާއިމް ކުރަން ކަމަށް ވިޔަސް، އެ ކުންފުނިން އަމަލުކުރި ގޮތުން އެއްބަސްވުމުގެ މަގްސަދު ހާސިލެއް ނުވާ ކަމަށާއި އެހެންކަމުން އެއްބަސްވުން ބާތިލް ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ދައުލަތުން ފާހަގަ ކުރިއެވެ. އެހެންވެ، އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށާއި އެ ހާލަތުގައިި ދޭންޖެހޭ ބަދަލެއް ނޯންނާނެ ކަމަށް ދައުލަތުން ބުނެއެވެ.
މީގެ އިތުރުން ގާނޫނާ ޚިލާފަށް އެއްބަސްވުން ބާތިލް ކުރިޔަސް، ބަދަލު ނަގައި ދެވޭނީ ގެއްލުމެއް ލިބުނުކަން ސާބިތުކޮށް ދިނުމުން ކަމަށާއި އެކަން ސާބިތުވާ ހެކިތައް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ސިވިލް ކޯޓުން ދީބާޖާ އަށް ބަދަލު ނަގައި ދިނުމުގައި 50 އަހަރުގެ މުއްދަތަށް ހިސާބު ކުރިއިރު، އެއްބަސްވުމުގައި ހޭދަވި މުއްދަތު ވެސް އުނިކޮށްފައި ނުވާ ކަމަށާއި އެހެންވެ، ދީބާޖާ އަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމް ދަމަހައްޓައި ދޭން ދައުލަތުން އެދުނެވެ.
ޓާމިނަލް އަޅަން ދޭންޖެހޭ ބިންތައް ސަރުކާރުން ހަވާލެއް ނުކުރޭ: ދީބާޖާ
ދީބާޖާއަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތުގައި ދީބާޖާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ، ފެރީގެ ހިދުމަތް މެދުކެނޑުނީ ބ. ތުޅާދޫގައި އެކަނި ކަމަށާއި އެއްބަސްވުން އޮތްގޮތުން އެއްބަސްވުން ބާތިލް ކުރެވޭނީ ބޮޑު ބަޔަކުން ހިދުމަތް ކެނޑޭ ހާލަތުގައި އެކަނި ކަމަށެވެ. އަދި ކަނޑު ދަތުރުފަތުރުގައި ހިދުމަތް މެދުކެނޑުމަކީ އާންމު ކަމެއް ކަމަށާއި އެގޮތުން ސަރުކާރު ހިއްސާވާ އެމްޓީސީސީން ދޭ ފެރީގެ ޚިހިމަތް ވެސް އެކި ސަބަބުތަކާ ހެދި މެދުކެނޑޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްބަސްވުމުގެ ދަށުން ފެރީ ޓާމިނަލް އެޅުމަށް ސަރުކާރުން ދޭންޖެހޭ ބިންތައް ހަވާލެއް ނުކުރާ ކަން ހަލީމް ފާހަގަ ކުރެއްވިއެވެ. އަދި އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރަން ދައުލަތުން އުފައްދަން ޖެހޭ ރިވިއު ކޮމެޓީ ވެސް އުފައްދާފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމަކީ ބަދަލު ނަގައި ދިނުމުގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ މައްސަލައެއް ކަމަށާއި އެކަމަކު ހައި ކޯޓުން މައްސަލަ ނިންމީ އެއްބަސްވުމުގައި ނެތް ވާހަކަތަކަކަށް ބިނާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދުު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.
ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ. އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ.
އެ ކުންފުންޏަށް އެއްބަސްވުމުގެ ދަށުން ވަނީ ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަންވެސް ލާޒިމްކޮށްފައެވެ. ނަމަވެސް ސަރުކާރުން އެ ބިންތައް ދީބާޖާއަށް ދޫކޮށްފައެއް ނުވެއެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެގޮތަށް ކަނޑައެޅީ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމަށް ބެލުމަށްފަހުއެވެ. އެހެންވެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރިއެވެ. ހައި ކޯޓަށް މައްސަލަ ބަލައިގަތީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2019 ވަނަ އަހަރު ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރިއެވެ.
ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ކުންފުންޏާއެކު ސަރުކާރުން ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ އަދަދު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ނިންމިއެވެ. ނަމަވެސް ސަރުކާރުން ފަހުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކުރަން އެ ކޯޓަށް ހުށަހެޅުމަށެވެ. ސުުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާ ކުރުމަށް ދައުލަތުން އެދުމުން، އެ ކޯޓުން މި އަހަރު ވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ބާތިލްކޮށްފަ އެވެ. އަދި ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާ އަށް އަލުން ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މި އަޑުއެހުމަކީ ދީބާޖާއިން އެ މައްސަލަ އަލުން އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމެކެވެ.