ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްގެ ކުންފުންނެއް ކަމަށްވާ ވާމިލިއަން ކުންފުންޏަށް ތިން އަތޮޅެއްގައި ދަތުރު ފަތުރުގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފައި ވާއިރު، އޭނާއަށް އެއްވެސް ސަރުކާރަކުން އެއްވެސް ރަށެއް ދީފައި ނުވާ ކަމަށާއި އޭނާގެ ކުންފުންނެއް އަދި ރިސޯޓެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކުރީގެ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ހަދާފައެވެ.

މ. އާއި ފ. އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކޮށްފައިވާ ވާމިލިއަން ކުންފުންޏާއެވެ. ވާމިލިއަން އަކީ ހަލީމްގެ ކުންފުންޏެކެވެ. އޭރު ފެރީގެ ހިދުމަތް ދިނުމަށް ވާމިލިއަން ކުންފުންޏަށް ވަނީ ދެ ރަށް ދީފައެވެ. ނަމަވެސް އެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ދިނުން ވާމިލިއަން ކުންފުނިން މެދުކަނޑާލީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ.

އޭރު ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ކުންފުންޏަށް ހަވާލުކުރި ދެ ރަށް ރިސޯޓެއްގެ ގޮތުގައި އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ. އެ ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފައެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ހަލީމަށް ތުހުމަތުތަކެއް ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރުގައި ހަލީމަށް ދެ ރަށް ލިބުނު ކަމަށެވެ. އަދި ހަލީމް އެ ރަށްތައް ނަންގަވައިގެން އުޅުއްވަނީ އަމިއްލަ ނަންނަމުގައި ނޫން ކަމަށްވެސް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

އެކަމަށް ރައްދު ދެއްވަމުން ހަލީމް ވިދާޅުވީ ޝަރީފްގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއްވެސް ސަރުކާރަކާ އެކު ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރަން އެއްވެސް ކޮންޓްރެކްޓެއް ހައްދަވާފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ ރިސޯޓެއް އަދި ކުންފުންނެއް ވެސް ނޯންނާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ޝަރީފްގެ ތުހުމަތުތައް ދޮގުކުރެއްވުމަށްފަހު ހަލީމް ވެސް ވަނީ ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ އެދިވަޑައިގަތުމަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޝަރީފް އިސްލާހެއް ހުށަހެޅުއްވި ކަމަށް ހަލީމް ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އަދީބް ދެއްވާފައިވާ ބަޔާނުގައި އެ ވާހަކަތައް ހުރި ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އެ ބަޔާން އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަލީމް އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ޔައުމިއްޔާގައި ހިމެނުމަށް އެ ބަޔާން ހިއްސާކުރެއްވުމަށް އެދިވަޑައިގެން ފައެވެ.