އައްޑޫ ސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމުން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއެވެ. އައްޑޫ ސިޓީގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތަށް، އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑުން ސާވޭ ޓީމެއް މިއަދުގެ ވަގުތެއްގައި އައްޑޫ އަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާވޭ ހެދުމަށް ބޭރުގެ ބަޔަކަށް ދެވޭނެ އެއްވެސް ގޮތެއް، ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން މި ސަރުކާރުން ފެބްރުއަރީ 11، 2020 ގައި އެކުލަވާލި ޕޮލިސީގައި ވެސް ހުއްދަ ދީފައި ނެތް ކަމަށެވެ. އަދި ރާއްޖޭގައި އެފްޑީއައި ހިންގޭނީ ވަކި ކުންފުންޏެއް އެފްޑީއައިގެ ގަތުގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭގެ އިތުރުން ލާމަރުކަޒު ކުރުމުން އެރަށެއްގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރާނީ އެރަށެއްގެ ބައެއް ކަމަށް އޭނާ ހީކުރެއްވި ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ފޮރިން އިންވެސްޓްމެންޓް ގާނޫނު ހުއްދަ ނުކުރާ ކަމަށެވެ. ޝަރީފުު ވިދާޅުވި ގޮތުގައި ދިވެހިން ބާކީ ވަނީ އެ ހިސާބުން ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބް ކޮންޓަރުންނާއި އެހެނިހެން ހިދުމަތްތައް ދިނުން ދިވެހި ކުންފުންނިތަކާއި ހަވާލުކުރެވޭނެ ކަމަށެވެ.

އިންޑިއަން ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫއު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.