ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ފަރާތުން ގާއިމު ކުރަން ހަމަޖެހިފައިވާ "އޯޕަން އެކްސެސް ނެޓްވޯކް" ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް ސަރަހައްދުގެ މަސައްކަތް ތަކަށް ބޭނުންވާ ޕެސިވް ކޮމްޕޯނަންޓުގެ ވަސީލަތްތައް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ޕެސިވް ކޮމްޕޯނަންޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެކަމަށް ބޭނުންވާ ޑަކްޓްގެ މަސައްކަތްތައް ނިމި، ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތްތައް އޭޕްރިލް މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ފުރިހަމަ ވުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ހިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އޯޕަން އެކްސެސް ނެޓްވޯކްގެ ދަށުން މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާސަލާތީ ވިއުގައަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗާ ގާއިމު ކުރެވިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި ނެޓްވޯކްގެ ސަބަބަބުން މިހާރު މުވާސަލާތީ އެކި ހިދުމަތްތައް ދެމުންދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ދާ ފަރާތްތަކަށް ހުޅުމާލެ އަކީ ޒަމާނީ ވަޝީލަތްތަކާ އެކު ދިރިއުޅެން ފަސޭހަ އަވަށަކަށް ހެދުން ކަމަށެވެ.