އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރުގެ ނަމާއެކު ޕޮލިސް ބޯޑުގައި ހިމަނަން އިތުރު ފަސް މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނާ ގޮތުން ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

ޕޮލިސް ބޯޑަށް ފޮނުވި ނަންތައް:

  • ލަބީގު މުހައްމަދު މާހިރު / މ.މަނަދޫ ވިއު
  • ޒުބައިރު އަހުމަދު މަނިކު / ގ.މަލްވިނަ
  • ޒީނަތު އަލީ / ދަފްތަރު 2616
  • އަލީ މުހައްމަދު މަނިކު / ދަފްތަރު 1851
  • ހާމިދު އަބްދުލްޣަފޫރު / ހ.ޝޭޑީ ކޯނާ

ޕޮލިސް ބޯޑަށް ކުރިމަތި ލި ފަސް ފާރާތުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވުމަށް ފަހު އެ ނަންތައް ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.

އެމްޑީިޕީގެ ބައިނަލްއަގުވާމީ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ފުލުހުންނަށް ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެއްދެވި ފަރާތެކެވެ.

ހދ. ހޮޑައިދޫގައި މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތަށް ކުޑަކަމުދާތަކެތި ނުދީގެން ހާމިދުގެ މައްޗަށް އޭރު ދައުވާ ވެސް ކުރިއެވެ. އެމައްސަލައިގައި އޭނާއަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހައިކޯޓުން ވަނީ ފަހުން އެ ހުކުމް ބާތިލް ކޮށްފައެވެ.