ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އިންފެކްޓް ވުމުގެ ފުރުސަތު، މާބަނޑު އަންހެނުންނަށް ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކަން ޖާނަލް އޮފް އޮބްސްޓްރެޓިކްސް އެންޑް ގައިނެކޮލޮޖީގައި ޝާއިއު ކޮށްފައި ވާ ދިރާސާ ބުނާ ގޮތުގައި، އެމެރިކާގެ ވޮޝިންގްޓަން ސްޓޭޓްގައި، މާބަނޑު މީހުން ކޮވިޑް-19އަށް އިންފެކްޓް ވުމުގެ ފުރުސަތު، އެ އުމުރުގެ އެހެން އަންހެނުންނާ އަޅާ ބަލާއިރު 70 ޕަސެންޓް އިތުރެވެ. އަދި މާބަނޑު މީހުންގެ ތެރެއިންވެސް، ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ މީހުންނަށް، މި ނުރައްކާ، 2 ގުނަ ނުވަތަ 4 ގުނަ ބޮޑު ކަމަށް ވެސް ދިރާސާގައި ބަޔާން ކޮށްފައި ވެއެވެ.
މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ މާޗް 2020 އިން ޖޫން 2020ގެ ނިޔަލަށް، ވޮޝިންގްޓަން ސްޓޭޓްގެ 35 ހޮސްޕިޓަލަކާ ކުލިނިކަކުންނެވެ. މި ދިރާސާއަށް، މާބަނޑު (ކޮވިޑް ޕޮޒިޓިވް) 240 ޕޭޝަންޓެއްގެ މައުލޫމާތު ނެގިއެވެ.
ދިރާސާގެ އިތުރު ހޯދުންތަކަށް ބަލާއިރު، ވޮޝިންގްޓަން ސްޓޭޓްގައި ވިހޭ ކޮންމެ 1000 މީހަކުން 13.9 މީހަކު ކޮވިޑަށް ޕޮޒިޓިވްއެވެ. އުމުރުން 20 އަހަރާއި 39 އަހަރާ ދެމެދުގެ (މާބަނޑު ނޫން) ކޮންމެ 1000 އަންހެނެއްގެ މެދުގައި މި އަދަދު އޮތީ 7.3 ގައެވެ.
ނަތީޖާ މިފަދަ ގޮތަކަށް ދައްކާއިރު، ދިރާސާ ޓީމުން ވަނީ ކޮވިޑް-19ގެ ވެކްސިން ކެމްޕޭންގައި މާބަނޑު އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައެވެ.
ދިރާސާ އެކުލަވާލެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ އެރީކާ ލޯއްކެން ވިދާޅުވީ، ވެކްސިން ދިނުމަށް އިސްކަން ދޭ ގިންތިތަކުންވެސް (އެމެރިކާ އިން) މާބަނޑު މީހުން ބާކީ ކޮށްފައި ވާ ކަމަށެވެ. އަދި މާބަނޑު މީހުންނަކީ ހައިރިސްކު ގިންތީގައިވެސް އެމެރިކާގެ ބައެއް ސްޓޭޓްތަކުން ހިމަނާ ބައެއް ނޫން ކަމަށްވެސް ޑރ ލޯއްކެން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ ވެކްސިން ކެމްޕޭންތަކުގައި މާބަނޑު މީހުން އިސްތިސްނާ ކުރަމުން ދަނީ، ތަހުލީލީ މަރުހަލާތަކުގައި މާބަނޑު މީހުން ބައިވެރި ކޮށްފައި ނުވާތީ ކަމަށް، ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.