ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ގިނަ ހިދުމަތްތަކެއް، ސަރުކާރުގެ އެހީގައި، ވެރިރަށް ބެއިޖީންގްގައި ހިންގާ އިންޝުއަރަންސް ސްކީމްގައި ހިމެނުމަށް ޗައިނާއިން ނިންމައިފިއެވެ.

މިއީ އަލަށް އުފަންވާ ކުދިންގެ ނިސްބަތް އިންތިހާއާށް ދަށްވުމުގެ ނުތަނަވަސް ކަން ކުރިމަތިވެފައި ވާ ޗައިނާގައި، ދަރިން ހޯދަން މަސައްކަތް ކުރާ މީހުންނަށް އެހީއެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށް، ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި 16 ހިދުމަތެއް، ސަރުކާރުގެ އިންޝުއަރަންސް ސްކީމްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ވާއިރު، އަމަލީ ގޮތުން މިކަން ފަށާނީ މާޗް 26 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

2021 ވަނަ އަހަރަކީ ޗައިނާގައި އަލަށް އުފަންވި ކުދިންގެ ނިސްބަތް، ރެކޯޑް އަދަދަކަށް ދަށްވި އަހަރެކެވެ. ޗައިނާ ސަރުކާރުން މިހާރު ވަނީ ކޮންމެ ދެމަފިރިއަކަށް، 3 ދަރިންވެސް ހޯދިދާނެ ކަމަށް ކަނޑައަޅާފައެވެ.

ޗައިނާގެ އާބާދީއަށް ބަލާއިރު، ދޮށީ އުމުރުގެ މީހުންގެ އާބާދީ ދަނީ އިތުރު ވަމުންނެވެ. އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދަށްވެ، މަސައްކަތްތެރިންގެ އުމުރު ފުރާގެ އާބާދީވެސް ދަނީ ހީނަރުވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. އެއީ ޗައިނާއިން މީގެ ކުރިން ތަންފީޒު ކުރި "ކޮންމެ ދެމަފިރިއަކަށް 1 ދަރި" ސިޔާސަތުގެ ނަތީޖާ ކަމުގައި ބެލެވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޗައިނާއިން ދަނީ، ވަޒީފާއިން މުސްކުޅި ކުރާ އުމުރު، މަރުހަލާތަކަކަށް ބަހާލައިގެން މަތި ކުރަމުންނެވެ.