ޒަމާނުއްސުރެ އޮންނަ ބޯދާ ގަބޫލުކުރުންތަކުން އަދިވެސް މުޅިން މިންޖުވެފައި ނުވާ އަވަށްޓެރި އިންޑިއާގެ ގިނަ ބަޔަކު އަދިވެސް ބޭނުން ވަނީ ފިރިހެން ދަރިއެއް ކަމަށް، އެގައުމުގައި ދާދި ފަހުން ކުރި ސާވޭއަކުން ދައްކައިފިއެވެ.

އިންޑިއާގެ ނޭޝަނަލް ފެމިލީ ހެލްތު ސާވޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސަރުކާރުން ކުރިއަށް ގެންދިޔަ އެ ސާވޭގެ ބައިވެރިންގެ 80 ޕަސެންޓެއްހާ މީހުން ވަނީ، އެމީހުންގެ ހަޔާތުގައި އެންމެ ފިރިހެން ދަރިއަކުނަމަވެސް ލިބުމަށް އެދޭ ކަމަށް ބުނެފައެވެ.

ފިރިހެން ދަރިން ލިބުމަށް އެދުމުގެ ފަހަތުގައި އޮންނަނީ، އާއިލީ ނަން ދަމަހައްޓާނެ ބަޔަކީ އަދި މުސްކުޅި ވާ ދުވަހު މައިންބަފައިން ބަލަން ތިބޭނީ ފިރިހެން ދަރިންކަމަށް އެ ގައުމުގައި ޒަމާނުއްސުރެ އޮންނަ ގަބޫލު ކުރުމެއްގެ ސަބަބުންނެވެ. އިންޑިއާގެ ސަގާފަތް އޮންނަ ގޮތުން އަންހެން ދަރިން ކައިވެންޏަށް ފަހު ދެން ބަދަލުވަނީ ފިރިމީހާއާއެކު އެގެއަށެވެ. އަދި އަންހެން ދަރިން ލިބުމަކީ ކައިވެނީގެ އަގުދަކަށް ދައްކަންޖެހޭ ޑައުރީގެ ހަރަދުތަކާ މެދުވެސް މީހުން މާޔޫސް ކުރުވާ ކަމަކަށް އޮންނަނީ ވެފައެވެ.

ދެ ޖިންސުގެ ފަރަގަށް ބަލާއިރު އިންޑިއާއިން ފިރިހެން ދަރިން ހޯދަން ބޭނުންވާ ބޭނުން ވުމަކީ ޒަމާނުއްސުރެ އެ ގައުމު ބެދިފައި އޮންނަ ލަދުވެތި ކަމެއް ކަމަށް، އެކަމާ ދެކޮޅަށް ކެމްޕޭން ކުރާ ފަރާތްތަކުން ބުނެއެވެ.

ފާއިތުވީ 100 އަހަރު ދުވަހުގެ ބޯހިމެނުމުގެ ރެކޯޑްތަކަށް ބަލާއިރު އިންޑިއާގެ އާބާދީގައި އަންހެނުންނަށްވުރެ ފިރިހެނުން ގިނައެވެ. އެންމެ ފަހުން 2011 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ހަރަކާތުގެ ނަތީޖާއަށް ބަލާއިރު ކޮންމެ 1000 ފިރިހެނަކަށް، އެ ގައުމުގައި ތިބީ 940 އަންހެނުންނެވެ. އަލަށް އުފަންވާ ހިސާބުން ފެށިގެން 6 އަހަރާ ދެމެދު އުމުރުފުރާއަށް ބަލާއިރު ކޮންމެ 1000 ފިރިހެން ކުއްޖަކަށް، 918 އަންހެން ކުދިންނެވެ.