2003 ވަނަ އަހަރު، 30 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއަން އޮއިލްއަށް ސްރީލަންކާއިން ކުއްޔަށް ދޫ ކުރި 99 ތެޔޮ ޓޭންކަރެއް އަލުން އަނބުރާ ހޯދުމަށް ސްރީލަންކާއިން ވަނީ ނިންމާފައެވެ. ސްރީލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނަނީ މި ރިޕޯޓްތައް މުޅިން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް، މިފަދަ ކަމެއް "އެބަ އުޅޭ" ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުން ކުރި ޓޭންކުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އޮތީ އިންޑިއާއަށެވެ. ނަމަވެސް މަޝްވަރާތައް މަޑުޖެހިފައި އޮންނަތާ 10 ވަރަކަށް އަހަރު ފާއިތުވިއެވެ. މަޝްވަރާތައް އަލުން ފެށުނީ 2015 ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ސްރީލަންކާއަށް ވަޑައިގެންނެވި ހިސާބުންނެވެ. 2017 ވަނަ އަހަރު، ދެ ގައުމުންވެސް މަގުޗާޓަކަށް އެއްބަސްވިއެވެ. ނަމަވެސް، އަމަލީ މަސައްކަތް ނުފެށި، މަޝްރޫއު ވަޅުޖެހުނީއެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު (ވ) ސްރީލަންކާއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ސްރީލަންކާގެ ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާއާއެކު / ފޮޓޯ: އެސް ޖައިޝަންކަރު | ޓްވިޓާ

ބުރާސްފަތި ދުވަހު އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ރިޕޯޓްތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އިންޑިއާގެ ޑިޕްލޮމެޓުން ވިދާޅުވަނީ، މި ފެސިލިޓީ ކުރިއަށް ގެންދެވިދާނެ ގޮތަކާ ބެހޭ ގޮތުން، ދެ ފަރާތުންވެސް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

ދާދި ފަހުން ސްރީލަންކާއިން ވަނީ އިންޑިއާއާއި ޖަޕާނު ހިއްސާވާ ބަނދަރު މަޝްރޫއެއް މަޑުޖައްސާލާފައެވެ. އެމެރިކާއިން ލަންކާއަށް ދިން އެހީއެއް އަނބުރާ ގެންގޮސްފައެވެ. ލަންކާ ސަރުކާރުން އެދެވޭ ރޫހެއްގައި އެ ފަންޑު ބޭނުން ނުކުރާތީއެވެ.

މިހުރިހާ ވަގުތަކުވެސް ސްރީލަންކާ ސަރުކާރުން ދިޔައީ ޗައިނާގެ އިންވެސްޓްމަންޓްތަކަށް ހުއްދަ ދެމުންނެވެ. ޗައިނާގެ މަޝްރޫއުތަކަށް ސްރީލަންކާއިން ކިޔަމުންދަނީ ރަތްދޫލައިގެ މަރުހަބާއެކެވެ. އެމެރިކާގެ އެހީއަށް ފުރަގަސް ދިންތާ މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ޗައިނާގެ ހަކަތައިގެ މަޝްރޫއަކަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދިނެވެ. އިންޑިއާގެ ބޯޑަރާ ނުހަނު ގާތުގައި އޮޕަރޭޓް ކުރާ ގޮތަށެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު (ކ) ސްރީލަންކާއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާއެކު / ފޮޓޯ: އެސް ޖައިޝަންކަރު | ޓްވިޓާ

ޖަފްނާ ޕެނިންސިއުލާގެ އުތުރުން އޮތް ސަރަހައްދުގެ 3 ރަށެއްގައި މަޝްރޫއު ފަށައިފިއެވެ. އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ އައްސޭރިފަށުގެ އެންމެ 50 ކިލޯމީޓަރު ބޭރުންނެވެ. މިކަމާ އިންޑިއާއިން ލަންކާއަށް ޝަކުވާ ހުށަހެޅިއެވެ. އެއީ ކޮލަމްބޯ ޕޯޓް އެއްބަސްވުން މަޑުޖައްސާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

ޗައިނާއިން ސްރީލަންކާއަށް ފޯރުވަމުންދާ ނުފޫޒަކީ ބައިނަލްއަގުވާމީ މަސްރަހަށް ސިއްރު ކުރެވެން އޮތް ކަމެއް ނޫނެވެ. ރާޖަޕަކްސަ ހާންދާނުގައި ޗައިނާއިން ސްރީލަންކާއަށް ބާރު ފޯރުވާ މިންވަރު ވަކިން ގަދައެވެ. ސްރީލަންކާގެ އެތައް ޕްރޮޖެކްޓެއް ޗައިނާއިން ކަށަވަރު ކޮށްފިއެވެ. ސީފްރަންޓް ސިޓީ އެޅުމުގެ 13 ބިލިއަން ޑޮލަރުގެ މަޝްރޫއާއި، 300 މިލިއަން ޑޮލަރުގެ ޗައިނާ ކާރުހާނާއާއި، ކޮޅުނބުން ކެންޑީއަށް އަޅާ 1 ބިލިއަން ޑޮލަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން، ނޮރޮއްޗޮލާއީގައި ތަރައްގީ ކުރާ 300 މިލިއަން ޑޮލަރުގެ ބޯޓު-ދެލި ހަކަތައިގެ ޕްލާންޓްގެ މަޝްރޫއުގެ ނަން ފާހަގަ ކުރަންޖެހެއެވެ.

ޗައިނާގެ ދަރަނި ދަންތުރަށް، ކަރަށް ބާރު ކުރަމުން، މި ހުރިހާ މަޝްރޫއަކަށް ސްރީލަންކާއިން ދިނީ ފެހި ސިގުނަލެކެވެ.

އިންޑިއާއިން އަދިވެސް އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. ޖަފްނާ ސަރަހައްދުން ޗައިނާގެ ކުންފުނި ފައްސާލުމަށް 12 މިލިއަން ޑޮލަރު ދިނުމަށް އިންޑިއާ އޮތީ ތައްޔާރަށެވެ. މިއީވެސް ސްރީލަންކާގެ ކަރަށް މަހާލެވޭ ދަންތުރައެއް ނޫންބާއެވެ؟