އީރާނުން މި ފަހަކަށް އައިސް އަޅަމުންދާ ފިޔަވަޅުތަކަކީ، ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމަށް އެމެރިކާ އަލުން ގެނައުމަށް އޮތް ފުރުސަތަށް ހުރަސް އަޅަނިވި ފިޔަވަޅުތަކެއް ކަމަށް، ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސް އިންޒާރު ކުރައްވައިފިއެވެ.

މާސް ވިދާޅުވީ ޕްރެޝަރު ބޮޑު ކުރާ ވަރަކަށް، ހައްލު ހޯދުން ދަތިވާނެ ކަމަށެވެ. މަޝްވަރާތައް އިންތިހާއަށް ދަތިވެފައި ވާ ކަމަށާ، އީރާނުން އުޅެނީ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި، މައްސަލަ އިތުރަށް ގޯސް ކުރަން ކަން ދޭހަ ވާ ފަދަ މޭރުމަކުން މާސް ވަނީ އީރާނަށް ފާޑުވިދާޅުވުންތައް އަމާޒު ކުރައްވާފައެވެ.

އީރާނު އަސްކަރިއްޔާއިން ދުރު ރާސްތާ މިސައިލެއް ޓެސްޓުކުރަނީ / ފައިލް ފޮޓޯ: އާމިރު ޚުލޫސީ

ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި ވާ އިރު، އީރާނުން މިދިޔަ ހޯމަ ދުވަހު ވަނީ، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ވިލަރެސް ކުރުމުގެ ފުރުސަތު، އދގެ ތަހުގީގު ޓީމަށް ނުދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ މަޝްރޫއު ވިލަރެސް ކުރުމުގެ ފުރުސަތަކީ، 2015 ވަނަ އަހަރުގެ އެއްބަސްވުމުގެ ދަށުން، އީރާނުން އދއަށް ދޭންޖެހޭ ފުރުސަތެކެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމަށް އެންމެ ފުރިހަމައަށް ކިޔަމަން ނުވާހާ ދުވަހަކު، އީރާނާ ދެކޮޅަށް ތަންފީޒު ކުރާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެ ގައުމުން ލުއި ނުދޭނެ ކަމަށް، އެމެރިކާގެ އާ ރައީސް ޖޯ ބައިޑަން ވެސް ވަނީ އިންޒާރު ކުރައްވާފައެވެ.

ކަން މިހެން އޮތްއިރު، އިރާނުގެ ރޫހީ ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީ ވަނީ، 2015 ވަނަ އަހަރުގެ އެއްބަސްވުމުން އީރާނުގެ މައްޗަށް ލާޒިމު ކުރި ކަންކަމަށް އެ ގައުމުން އިހުތިރާމް ކުރާނީ، އެމެރިކާއިން ތަންފީޒު ކުރަމުން އަންނަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުން ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ދެކުނުގެ ސަރަހައްދުގައި އެގައުމުން ހިންގަމުންދާ ބުޝޭރު ނިއުކްލިއާ ޕްލާންޓް / ފައިލް ފޮޓޯ: އޭއެފްޕީ

2015ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމަކީ، އީރާނުގެ ނިއުކްލިއާ މަޝްރޫއަށް ހައްދުތަކެއް ކަނޑައެޅި އެއްބަސްވުމެކެވެ. ބަދަލެއްގެ ގޮތުގައި، އީރާނާ ދެކޮޅަށް ތަންފީޒު ކުރާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގައުމުތަކުން ލުއި ދިނުންވެސް އޮތީ ލާޒިމު ކޮށްފައެވެ.

ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، މި އެއްބަސްވުމުން އެމެރިކާ ވަކި ކުރައްވާފައެވެ. އަދި ކުރިން ތަންފީޒު ކުރަމުންދިޔަ ދަތި ކުރުމުގެ ފިޔަވަޅުތައް، އީރާނާ ދެކޮޅަށް ތަންފީޒު ކުރައްވަން ފެއްޓެވިފައެވެ. މިއާއެކު، އީރާނުން ވަނީ ކުރިން ދޫދިން ބައެއް ކަންކަމުގައި ބާރަށް ހިފާ، އެއްބަސްވުމާ ދުރަށް ޖެހެން ފަށާފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ (ކ)، އެ ގައުމުން ހިންގާ ނިއުކްލިއާ ސައިޓެއް ބައްލަވާލައްވަނީ/ފޮޓޯ: އީޕީއޭ

ސުލްހައިގެ މަޝްވަރާގެ މޭޒަށް އީރާނު ހާޒިރު ކުރުމަށްޓަކައި، އީރާނާ ދެކޮޅަށް މިހާރު ތަންފީޒު ކުރާ އިގުތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާއިން ލުއި ދިނުމުގެ ފިކުރެއް އެބައޮތްތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ، އެފަދަ ފިކުރެއް އެމެރިކާގައި ނެތް ކަމަށެވެ.

އީރާނުން ތަކުރާރު ކޮށް ބުނަމުން ދަނީ، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަކީ މަދަނީ ބޭނުން ތަކަކަށްޓަކައި ކުރިއަށް ގެންދާ، ސުލްހަވެރި މަޝްރޫއެއް ކަމަށެވެ. ނިއުކްލިއާ މަޝްރޫއުގެ ތެރެއިން ފައްކާ ކުރާ ޔުރޭނިއަމްއަކީ، ރިއެކްޓަރުތަކަށް ބޭނުންވާ ހަކަތަ އުފައްދާ ދެނިވި މާއްދާ އެކެވެ. ހަމަ މިފަދައިން، މި މާއްދާއަކީ ނިއުކްލިއާ ބޮން އުފެއްދުމުގެ ގާބިލުކަންވެސް ލިބިފައިވާ މާއްދާ އެކެވެ.