މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހދ. ފިނޭގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

އެ ސެންޓަރުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު, ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފިނޭއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފިނޭގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުގެ އިތުރުން ފިނޭ ކައުންސިލުގެ ރައީސް އަދުނާން އަބްދުالله އެވެ.

އެމްއޭސީއެލްއިން ބުނީ ފިނޭގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް މިނިސްޓްރީއިން އެމްއޭސީއެލްއާ ދެމެދު މި މަހުގެ 18 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގައި ތެރޭގައި ހިމެނޭ ސެންޓަރެއް ކަމަށެވެ.

އޭގެއިތުރުން އއ. އުކުޅަހާއި އއ. ރަސްދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް ހެދުމަށް ވެސް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.