މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެ، މުޅި ދުނިޔެއަށް ހަނގުރާމައިގެ ވިލާގަނޑުގެ އަސަރުކޮށްފައިވާ މި ދަނޑިވަޅު، އިޒްރޭލުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ އެމެރިކާއިން އޮތީ މި ހަނގުރާމައިގެ ތެރެއަށް ވަންނާނެ ރަނގަޅު ދަޑިވަޅަކަށް ބަލަބަލައެވެ.

އެމެރިކާއިން މި ހަނގުރާމައިގެ ތެރެއަށް ވަނުމަށް ތައްޔާރުވަމުން އަންނައިރު އެ ގައުމުން ވަނީ އިޒްރޭލަށް ވާގިވެރިވާނެކަމަށް މީގެ ކުރިންވެސް ބުނެފައެވެ. އެގޮތުން ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގައި ހިމެނޭ ޑިއޭގޯ ގާސިއާ ގާސިއާއަށް އެމެރިކާގެ ބީ-2 ސްޕްރިޓް މަރުކާގެ އަސްކަރީ ވައިގެ އުޅަނދުތަކެއް މިދިޔަ ހަފުތާގެ ތެރޭ ފޮނުވާފައިވާއިރު އޯޕަން ސޯސް އިންޓެލިޖެންސް އެނަލިސްޓުންނާ އަދި އޭވިއޭޝަން ޓްރެކަސް އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާއިން ވަނީ އަނެއްކާވެސް އިތުރު ވައިގެ އުޅަނދުތަކެއް އެ ސަރަހައްދަށް ފޮނުވާފައެވެ.

އެޕްރީލް 2، ވަނަ ދުވަހު ޑިއޭގޯ ގާސިއާ ބޭސްގެ ފޮޓޯއެއް

މި އުޅަނދުތައް އީރާނުގެ އައްސޭރިފަށާ ގާތްގަނޑަކަށް 4،000 ކިލޯމީޓަރު (2،485 މޭލު) ދުރުގައި އޮންނަ އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާގެ އެއާފޯސް ބޭސްއަށް ދަތުރުކުރަމުން އަންނައިރު މިހާރުވެސް އެ ޖަޒީރާގައި ބީ-52 ބޮން އަޅާ ބޯޓުތަކާއި އިތުރު ޓޭންކަރުތައް ބަހައްޓާފައިވެއެވެ. ޑިއޭގޯ ގާސިއާގައި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޖުމްލަ 4،000 އެއްހާ ސިފައިން މަރުކަޒުވެގެން ތިބޭ އިރު ބޭރުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އިރާނަށް ހަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރާނެ މަރުކަޒަކީ މިއީ ކަމުގައި ބުނެފައެވެ. އަދި މި ބޮން ގޮއްވާ ބޯޓުތަކަކީ އީރާނުގެ އަސްކަރީ ތަންތަން ހަލާކުކޮށްލާނެ 30،000 ޕައުންޑްގެ “ބަންކާ-ބަސްޓާ” ބޮންތަކެއްކަމަށާއި، މި ބޮންތަކުން ބިމު އަޑީގައިވާ ނިއުކްލިއާ ތަންތަން ވެސް ގޮއްވާލެވޭނެކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ޖޫން 17، ޑިއޭގޯ ގާސިއާ ބޭސްގެ ފޮޓޯއެއް

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޝްރޫއު ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމަށް ތަބާނުވެއްޖެނަމަ އިރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕްވަނީ މީގެ ކުރިންވެސް ދީފައެވެ. އެ އިންޒާރާއެކު އިރާނުން އޭރުވެސް ވަނީ އެ ގައުމުގެ އަސްކަރިއްޔާއިން ބޭނުންކުރާ ހޮރަމްޝަހްރު މިސައިލް އަދި ޝަހީދު-136ބީ ޑްރޯން ބޭނުންކޮށްގެން ޑިއޭގޯ ގާސިއާއަށް ހަމަލާ ދެވޭނެކަމަށް ބުނެ އެމެރިކާއަށް އިންޒާރުދީފައެވެ.

އެމެރިކާއިން ވަނީ އީރާން ޑްރޯން ނުވަތަ ކްރޫޒް މިސައިލް އެޓޭކް އިން އެއާބޭސް ރައްކާތެރި ކުރުމަށް ބޭނުންކުރާނެ އެފް-15 މަލްޓިރޯލް ވާޕްލޭންސްތައް ޑިއޭގޯ ގާސިއާއަށް ގެނެސްފައެވެ. ޑިއޭގޯ ގާސިއާ އާއި އިރާނާ ދެމެދު ހަމަލާ ބަދަލުކުރަން ފަށައިފިނަމަ އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ޑިއޭގޯ ގާސިއާ ބޭސް އަކީ އިނގިރޭސިވިލާތުގެ އޯވަސީސް ޓެރިޓަރީއަކަށް ވާތީ، އީރާނަށް އެއްވެސް ރެއިޑެއް ގެންދިއުމުގެ ކުރިން ލަންޑަނުން ހުއްދަ ހޯދަން ޖެހޭނެއެވެ.