އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބިގަތުން މަނާ ކަމަށާއި އެ ޕްރޮގްރާމު ހުއްޓުވުމުގެ ބޭނުމުގައި އެމެރިކާއިން ފިއްތައިގެން ބޭއްވި ފުރަތަމަ ބައްދަލުވުން ކާމިޔާބު ކަމަށް އެގައުމުން ބުނެފިއެވެ.
އޮމާން މެދުވެރިއެއްގެ ދައުރު އަދާކޮށް މަސްކަޓް ގައި ބޭއްވި ބައްދަލުވުމަށް ފަހު ވައިޓްހައުސް އާއި އީރާނުން ބުނީ، މަޝްވަރާތައް ކުރިއަށް ދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި އިހުތިރާމާއެކު ކަމަށާއި ފުރަތަމަ ބުރުގެ ވާހަކަތައް ކާމިޔާބު ކަމަށެވެ.
އިތުރަށް އީރާނުން ބުނީ، މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެކަނި ކަމަށާއި، އީރާނުގެ އަސްކަރީ ގާބިލު ކަމާއި އީރާނުގެ މަދަދު ލިބޭ ސަރަހައްދީ ޖަމާއަތްތަކުގެ ވާހަކަ އެޖެންޑާގައި ނެތް ކަމަށެވެ.
އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ބައިވެރިވެވަޑައިގަންނަވާ މި މަޝްވަރާތަކަކީ އެމެރިކާއިން ބުނާ ގޮތުގައި އީރާނާއި އެމެރިކާ އާ ދެމެދު ކުރިއަށް ގެންދެވޭ ސީދާ މަޝްވަރާތަކެކެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ މިއީ ނުސީދާ މަޝްވަރާތަކެއް ކަމަށާއި ސީދާ މަޝްވަރާތައް އޮންނާނީ މި ސިލްސިލާގެ ދަށުން އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޝްވަރާތަކުގައި ނިންމޭ ނިންމުންތަކެއްގެ މައްޗަށް ކަމަށެވެ. އަންނަ ހޮނިހިރަށް ތާވަލު ކޮށްފައި ވާ މަޝްވަރާތަކުގައި ކުރިއަށް ދާންވީ ގޮތުގެ ނުކުތާތަކަކަށް ދެފަރާތުން އެއްބަސްވާނެ ކަމަށް ހަބަރުތައް ބުނެއެވެ. އެއާއެކު އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމެއް އެކުލަވާލެވި އޭގެ މައްޗަށް ދެފަރާތުން އަމަލު ކުރަން އެއްބަސްވެ އިހްތިރާމު ކުރާނެ ކަމަށް ބުނެއެވެ.
އެމެރިކާއިން އިންޒާރު ކޮށްފައި ވާ ގޮތުން، ނިއުކްލިއާ ޕްރޮގްރާމުގެ ކަންތަކުގައި އީރާނުން އެއްބަސް ނުވެއްޖެ ނަމަ އެ ގައުމަށް ބޮން އަޅާނެއެވެ. އެކަން ކުރުމުގައި އެމެރިކާ އާއި އިޒްރޭލުން ބައިވެރިވާނެ ކަމަށާއި މީގެ ކުރިން އީރާނު ދެކެފައި ނުވާވަރުގެ ބޮން އަޅާނެ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
މި އިންޒާރާ ގުޅިގެން އީރާނުން ބުނެފައި ވަނީ، އީރާނަށް އިންޒާރު ދީ އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ބުނެ ބިރު ދައްކާ ކަމުގައި ވާ ނަމަ ނިއުކްލިއާ ޕްރޮގްރާމުގެ ކަންތަކުގައި އެއްބަސްވުމަކަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް މާހިރުން ބުނަނީ، އީރާނަކީ މިހާރުވެސް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ތާށިވެ އިގްތިސޯދު އަޑިއަޅާލާފައި ވާ ގައުމެއް ކަމަށް ވާ އިރު، އީރާނަށް މާގިނަ ގޮތްތަކެއް ނޯންނާނެ ކަމަށެވެ.
އީރާނަކީ މެދުއިރުމަތިން ނައްތާލަން އެމެރިކާ އާއި އިޒްރޭލުން ބޭނުންވާ ގައުމެކެވެ.