ސަރުކާރުގެ އަމާޒަކީ އެއާޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް، ލަސްވެގެން ނޮވެމްބަރު މަހަށް ހަނިމާދޫ އެއާޕޯޓުގެ ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަހަރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު އެ ވައިގެބަނދަރު ބައިނަލްއަގުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމަށެވެ. އެގޮތުން އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަނިމާދޫގެ ލޯކަލް ޓޫރިޒަމަށް މަގު ފަހިވާނޭ ފަދައިން އެއާޕޯޓުން ބޭރުގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓައިދެއްވާނޭ ކަމަށާއި ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭޓީއެމްތައް ވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސައިދިނުމާއެކު، އެއާޕޯޓު ހުޅުވެން ވާއިރަށް އެރަށުގައި ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ހިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ރަށުގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރައްވާނޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދާނީ ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށާއި ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިން މަޝްރޫއު ކުރިއަށްގެންގޮސް، ކޯޓުގައި ހުއްޓިފައި އޮތް ހައުސިން މަޝްރޫއަށް ހުއްދަލިބުމާއެކު އެ މަޝްރޫއު ވެސް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.

އުމްރާނީ މިފަދަ މަޝްރޫޢުތަކާއެކުއެކީ މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، 2026 ގައި ފަށައި 2027 ގައި ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް، 17 ވަރަކަށް ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށްވެސް ވަނީ ރާއްވަވާފައިކަމަށެވެ.

ރޭގެ ޖަލްސާގައި ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ސްކޫލްގެ މަޝްރޫއު ކުރިއަށްގެންދާނީ ހަނިމާދޫ ދަރިވަރުންނާއި އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށް ޖާގަ ލިބޭނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަނިމާދޫގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތުގެ އިތުރުން 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވާނޭކަން ރައީސް ވަނީ ރޭ އިއުލާނުކުރައްވާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފައްޓަވައި، އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތްދޭން ފައްޓަވައިދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ހަނިމާދޫއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައެއް ހިއްސާކުރާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ.