ގަލްފުގައި އެމެރިކާ އިން އަސްކަރީ ބާރުތައް ވަރުގަދަކުރަމުން ދިއުމަކީ އީރާނާ އެކު ނުރައްކާތެރި ކުރިމަތިލުމަކަށް ގޮސްދާނެ ކަމެއް ކަމަށް އެމެރިކާގެ ތަޖުރިބާކާރުން ބުނެފިއެވެ.

ޕެންޓަގަން އިން މި ހަފުތާގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިން އޮންނަ ޝިޕިން ލޭންތައް އީރާނުގެ އުނދަގުލުން ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާގެ އެތައް ހާސް ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާކަމަށެވެ.

އީރާނުން ވަނީ އެމެރިކާގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ އަސްކަރިއްޔާއަށް ޑްރޯން އާއި މިސައިލް ފޯރުކޮށްދޭނެ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

ވޮޝިންޓަން ޑީސީގައި ހުންނަ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ ތިންކް ޓޭންކްގެ ސީނިއާ ފެލޯ ސީނާ ޓޫސީ ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންދަވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އިގްތިސާދީ ހަނގުރާމައާއި އީރާނާ ދެކޮޅަށް ހަރުކަށި ފިކުރު ގެނައުމުގެ ސިޔާސަތު ދެގުނަ ކުރައްވަމުން ކަމަށެވެ.

އެމެރިކާ އާއި އީރާނުގެ ގުޅުން ބޮޑަށް ހީނަރުވެފައި ވަނީ 2018 ވަނަ އަހަރު ޓްރަމްޕް، މަލްޓިލޭޓަރަލް ނިއުކްލިއާ އެއްބަސްވުމެއްގެ ދަށުން އީރާނުގެ އިގްތިސާދާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލުމުންނެވެ.

ބައިޑަން ވެރިކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުގެ ކުރީކޮޅު އީރާނުގެ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަ ކުރައްވާނެ ކަމުގެ ވައުދުގެ ދަށުންނެވެ.

ނަމަވެސް ނުސީދާ މަޝްވަރާތަކުގެ އެތައް މަރުހަލާއަކުން އެ އެއްބަސްވުން އަލުން އިއާދަ ނުކުރެވުމުން ވޮޝިންޓަނުން ތެހެރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުގެ ނިޒާމު ތަންފީޒު ކުރަމުން ދިޔައިރު، އިތުރު އަދަބުތަކެއް ވެސް ދޭން ވަނީ ފަށާފައެވެ.

ޖޭސީޕީއޯއޭގެ މަޝްވަރާތައް މެދުކަނޑާލައި، އެ މަޝްވަރާތައް އަލުން އިއާދަކުރަން ކުރި މަސައްކަތްތައް އިތުރަށް ގޯސްވެގެން ދިޔައީ ސަރުކާރާ ދެކޮޅު މުޒާހަރާކުރާ މީހުންނާ ދެކޮޅަށް އީރާނުން ހިންގި ހަރުކަށި ފިޔަވަޅުތަކާއި، ޔޫކްރޭނުގައި ބޭނުންކުރުމަށް ޑްރޯންތައް ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުންނެވެ.

އީރާނާއެކު އެމެރިކާގެ ޑިޕްލޮމަސީއަށް ތާއީދުކުރާ ވޮޝިންޓަން ޑީސީގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް އިރާނިއަން އެމެރިކަން ކައުންސިލް (އެންއައިއޭސީ)ގެ ޕޮލިސީ ޑައިރެކްޓަރު ރަޔަން ކޮސްޓެލޯ ވެސް ބުނީ ގަލްފުގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަ ކުރުމާބެހޭ ހެޑްލައިންތަކަކީ ޓްރަމްޕްގެ ޒަމާނަށް ދިއުންފަދަ ހެޑްލައިންތަކެއް ކަމަށެވެ.

ކޮސްޓެލޯ ބުނީ އީރާނުން އުޅަނދުފަހަރަށް އުނދަގޫކުރުން ހުއްޓުވަން މަސައްކަތް ކުރާ ކަމަށް ބައިޑަންގެ ސަރުކާރުން ބުނަމުން ދާއިރު، އެމެރިކާގެ އަސްކަރިއްޔާ ގެނައުން ވަރުގަދަ ކުރުމަކީ އީރާނުގެ ޓޭންކަރުތައް ހިފެހެއްޓުމަށް ވޮޝިންޓަނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ތެހެރާނުން ދެކޭނެ ކަމެއް ކަމަށެވެ. އަދި މިއީ ނުރައްކާތެރި ކުޅިގަނޑެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ގަލްފުގައި އެމެރިކާގެ އަސްކަރީ ބައިވެރިވުމަށް އީރާނުން ދެކޮޅު ހަދަނީ ބޭރުގެ ދެކޮޅުވެރި ނުފޫޒެއްގެ ގޮތުގައެވެ. ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ގަލްފުގެ ތެރެއިން ދައުރުވަމުންދާއިރު، ހަކަތައިގެ ބާޒާރާއި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް މިކަމާ ގުޅިގެން ކުރެއެވެ.

ދާދި ފަހުން މި ނުތަނަވަސްކަން އުފެދިފައި މިވަނީ އީރާނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން އަލުން ގުޅުން ގާއިމުކުރުމަށް އެއްބަސްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ތެހެރާން-ރިޔާޒް އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރާ މެދު ސުވާލު އުފެދިފައި ވީނަމަވެސް، ބައިޑަންގެ ސަރުކާރުން އަންނަނީ އެ ސަރަހައްދުގައި ނުފޫޒު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަރަބް ސެންޓަ ވޮޝިންޓަން ޑީސީގެ ޑައިރެކްޓަ އޮފް ރިސާޗް އިމާދު ހާބް ބުނީ ޝިޕިން ލޭންގެ މައްސަލައިގެ ބޭރުން ވޮޝިންޓަނުން މަސައްކަތް ކުރަމުން ދަނީ އެކުވެރި ގައުމުތަކަށާއި ވާދަވެރިންނަށް މެސެޖެއް ދީގެން މި ސަރަހައްދަށް ދޭ އަހައްމިއްޔަތުކަން ހާމަކުރުމަށް ކަމަށެވެ.

"ޗައިނާ އާއި ރަޝިއާއަށް ދެވޭ މެސެޖަކީ މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމަށް އެމެރިކާ އަދިވެސް ވަރަށް ބޮޑަށް ޝައުގުވެރިވެ، އީރާނުން ކުރާ ކޮންމެ ކަމަކާ މެދު އަދިވެސް ކަންބޮޑުވާ ކަމަށާއި އަދިވެސް އެ ސަރަހައްދުގައި އެގައުމުގެ ނުފޫޒު ގަދަކުރުމަށް މަސައްކަތް ކުރާނެކަމަށް" ހާބް ބުންޏެވެ.