ދެކުނު އެފްރިކާގެ އައްސޭރިފަށުގެ ސަރަހައްދަށް ލެއްގީ، މީގެ 7 ވަރަކަށް އަހަރު ކުރިން ގެއްލުނު މެލޭޝިއާ އެއާލައިންސް ފްލައިޓް އެމްއެޗް370ގެ ބައެއް ކަމަށް ވަކާލާތު ކުރަން ފަށައިފިއެވެ.

239 މީހުންނާއެކު މެލޭޝިއާގެ ކުއާލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖީންގްއަށް ދަތުރު ކުރަމުން ދަނިކޮށް، ވީނުވީއެއް ނޭނގި އެމްއެޗް370 ގެއްލުނު ހާދިސާއަކީ އަދާ ޖެހުނުއިރުވެސް ވައިގެ އުދުހުންތަކުގެ ސިނާއަތުގައި ހިނގި އެންމެ ހައިރާން ކުރަނިވި ހާދިސާއެވެ.

ބޯޓަށް ވީ ގޮތަކާ މެދު އެކި ގޮތް ގޮތަށް، އެކި ޕްލެޓްފޯމްތަކުގައި ހޫނު ބަހުސްތައް އަދިވެސް ކުރިއަށް ދެއެވެ. ހާދިސާއަށް 7 އަހަރު ފުރެން ގާތް ވެފައި ވަނިކޮށް، ބޯޓުގެ ބައެއް ކަމަށް ބެލެވޭ ބައެއް، ދެކުނު އެފްރިކާގެ އައްސޭރިފަށުގެ ސަރަހައްދުން ފެނުމާއެކު، މި ބަހުސްތަކުގެ އަޑު، އަނެއްކާވެސް މިވަނީ ގަދަވެފައެވެ.

ފެބުރުއަރީ 2021 ގެ ކުރީކޮޅު، ދެކުނު އެފްރިކާއަށް ލެއްގި، މަތިންދާބޯޓުގެ ބައެއް ކަމަށް ބެލެވޭ އެތި / ފޮޓޯ: އެއާލައިން ރޭޓިންގްސް

މި ހިނގާ ފެބުރުއަރީ މަހުގެ ކުރީކޮޅު، ދެކުނު އެފްރިކާއަށް ލެއްގީ މަތިންދާބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެކެވެ. މި އެތީގެ ބޮޑު މިނުގައި ގާތްގަނޑަކަށް 3 ފޫޓު ހުއްޓެވެ. މަޑު އަޅި ކުލައަކަށް އޮތް މި އެއްޗަކީ، މެލޭޝިއާއިން އޮޕަރޭޓް ކުރާ ބޮއިންގް ޓްރިޕްލް ސެވަން މަރުކާގެ ބޯޓެއްގެ ބައެއް ކަމަށް ވަކާލާތު ކުރެއެވެ.

މިފަދަ ގޮތްގޮތަށް ލައްގާ އެއްޗިހި ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ ބްލެއިން ގިބްސަން ބުނާ ގޮތުގައި، މި އެއްޗެއް ލެއްގީ ދެކުނު އެފްރިކާގެ ޕޯޓް އެލިޒަބަތުގެ ޖޮފްރީޒް ބޭއޭ ކިއާ ސަރަހައްދަށެވެ.

ފާއިތުވީ 6 އަހަރު ދުވަސް، ގިބްސަން ހޭދަ ކުރީ، އެމްއެޗް370ގެ ބައިތައް ހޯދުމަށެވެ. ހަރަކާތްތެރި ވަނީ، މިނިވަން އިންވެސްޓިގޭޓަރެއްގެ ގޮތުގައެއެވެ.

އެޗްއެޗް370 އާ ގުޅޭ ކަމަށް ބެލެވޭ 33 ބައެއް މިހާތަނަށް ވަނީ ފެނިފައެވެ. މީގެ ތެރެއިން ބައެއް ބައިތަކަކީ އެމްއެޗް370ގެ ބައިތަކެއް ކަމަށް ކަށަވަރު ވެފައިވާ ބައިތަކެކެވެ. މި ތަކެތި ފެނިފައިވަނީ އެއްވެސް ގުޅުމެއް ނެތް 16 މީހަކަށެވެ. އަދި ތަފާތު 6 ގައުމަކުންނެވެ.

އެމްއެޗް 370 ކަނޑަށްވެއްޓުނު ކަމަށް ބަލާ ކުރަހާފައިވާ ރަމްޒީ ކުރެހުމެއް / ފޮޓޯ: ނެޓްޖިއޯ

މި ފަހުން ފެނިގެން މިއުޅެނީ 34 ވަނަ ބައި ކަމަށް ގިބްސަން ބުނެއެވެ. އަދި މިއީ، އެމްއެޗް370 ވެއްޓިފައި ވަނީ، އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދަކަށް ކަމަށް ބާރުދޭ ހެއްކެއް ކަމަށްވެސް ގިބްސަން ބުނެއެވެ.

އެމްއެޗް370 ގެއްލުމާއެކު، އެ ބޯޓުގެ ބައިތައް ހޯދުމަށް ގިބްސަން ވަނީ ކެމްބޯޑިއާ، ތައިލަންޑް އަދި މިޔަންމާއަށް ދަތުރު ކޮށްފައެވެ. ނަމަވެސް، މި މަސައްކަތަށް ކުރިއެރުމެއް ލިބުނީ، ރީޔޫނިއަން އައިލަންޑަށް، ޖުލައި 2015ގައި ލެއްގި ބަޔަކާއެކުގައެވެ. މިއާއެކު، ބޯޓު ވީ، އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދެއްގައި ކަމަށް ބުނަން ފެށުނެވެ.

ދެކުނު އެފްރިކާއަށް އެންމެ ފަހުން ލެއްގި އެތި މިހާރު އޮތީ ދެކުނު އެފްރިކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުގައި، ޖޮހޭނަސްބާގުގައެވެ. މި އެއްޗެއްގެ މައުލޫމާތު، މީގެ 10 ވަރަކަށް ދުވަސް ކުރިން، މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރި ކަމަށްވެސް ހަބަރު ލިބެއެވެ. ނަމަވެސް، މެލޭޝިއާގެ ރަސްމީ އެއްވެސް އިދާރާއަކުން، މިކަހަލަ ވާހަކައެއް ދެއްކި ކަމުގެ ހަބަރެއް އަދި ސާފެއް ނުވެއެވެ.

އެމްއެޗް370 ހޯދުމަށް ތަކުރާރުކޮށް އެކި ފަރާތްތަކުން ބޮޑެތި ހޭދަތަކެއް ކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ރަސްމީކޮށް ހުއްޓާލީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިހާދިސަގައި ބޯޓުން ދަތުރުކުރި އެއްވެސް މިހެއްގެ، ކުޑަނަމަވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.