ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިގެން މުޅި ދުނިޔޭގެ ތައުރީފު މިލްކުކުރި ނިއުޒީލަންޑުންވެސް، ޔޫކޭ ވޭރިއަންޓް ފެނިގެން ރިޕޯޓް ކޮށްފިއެވެ.

ކޮވިޑް-19ގެ 3 ކޭހެއް ފެނިގެން، އާދީއްތަ ދުވަހުން ފަށައިގެން 3 ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައިވާ ނިއުޒީލަންޑްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލަންޑްއިން، ޔޫކޭ ވޭރިއަންޓް ފެނިފައި ވާ ކަން ކަށަވަރު ކޮށްދެއްވީ، ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު، ޖެސީންޑާ އެޑާންއެވެ.

ޔޫކޭ ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވަނީ އޯކްލަންޑްގެ އެއް އާއިލާއެއްގެ 3 މެންބަރުން ކަން، ނިއުޒީލަންޑްގެ ސިއްހީ ތަޖުރިބާކާރުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މިދިޔަ އޯގަސްޓް މަހުވެސް 3 ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް އޯކްލަންޑް ވަނީ ލޮކްޑައުން ކޮށްފައެވެ. އެހެން ކަމުން، މިފަހަރުވެސް މިކަމުން އަރައިގަނެވޭނެ ފަދަ އުއްމީދީ ރޫހެއްގައި އެޑާން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ކުރީކޮޅުން ފެށިގެން ބިދޭސީންނަށް ބޯޑަރު ބަންދު ކުރި ނިއުޒީލަންޑަށް ޔޫކޭ ވޭރިއަންޓް އެތެރެވި ގޮތުގެ ފުރިހަމަ ތަފްސީލެއް އަދި ނުލިބެއެވެ.

ޔޫކޭ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި ފެތުރެމުން ދާ ވޭރިއަންޓެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އަށް ވުރެ ގިނަ ގައުމުން މި ވޭރިއަންޓް ރިޕޯޓް ކޮށްފައިވެއެވެ. ރާއްޖެއިންވެސް މި ވޭރިއަންޓް ފެނިފައި ވާ ކަން، ދާއިރާގެ ތަޖުރިބާކާރުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.