ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިންތަކަށް ނުގުޑާފާނެ ކަމަށް ބެލެވޭ އާ ވޭރިއަންޓެއް ދެނެގަނެވިފައި ވާ ކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރު ކޮށްދީފިއެވެ.

ޑަބްލިއުއެޗްއޯއިން މި ވާހަކަ ހިއްސާ ކޮށްފައި ވަނީ، ކޮންމެ ހަފުތާއަކު އެއް ފަހަރު ޝާއިއު ކުރަމުން އަންނަ ބުލެޓިންގައެވެ. "މޫ" ނުވަތަ ބީ.621.1. ގެ ނަން ދީފައި ވާ މި ވޭރިއަންޓް، އެންމެ ފުރަތަމަ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކޮލަމްބިއާއިންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި އާ ވޭރިއަންޓަކީ ބަދަލު ވަމުން އައިސްފައި ވާ ވޭރިއަންޓްއެކެވެ. ނަތީޖާއެއްގެ ގޮތުން، ސައެންސްވެރިން ވަނީ، މޫ ވޭރިއަންޓަކީ ވެކްސިނަށް ނުގުޑާފާނެ ވޭރިއަންޓެއް ކަމަށް ގަބޫލު ކުރަމުންނެވެ. ނަމަވެސް، މި ވޭރިއަންޓާއި، މި ވޭރިއަންޓްގައިވާ ވެކްސިނަށް ނުގުޑާފާނެ ކަމުގެ ސިފަތަކާ ބެހޭ އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

މޫ ވޭރިއަންޓް ފާހަގަ ކުރެވުމާއެކުގައި ހެން ދެކުނު އެމެރިކާ އަދި ވިލާތުގެ ބައެއް ސަރަހައްދުތަކުގައި މި ވޭރިއަންޓްގެ ކޭސްތަކެއް ވަނީ ފެންމަތިވެފައެވެ. ކަން ބޮޑުވާން ޖެހޭ ދަރަޖައަށް މި ވޭރިއަންޓްގެ ކޭސްތައް އަދި އިތުރު ނުވި ކަމުގައި ވީ ނަމަވެސް، ކޮލަމްބިއާ އަދި އިކުއެޑޯގައި މި ވޭރިއަންޓްގެ ކޭސްތައް އިތުރު ވަމުން އަންނަކަން ފާހަގަ ކުރަން ޖެހެއެވެ.

މި ދަނޑިވަޅަކީ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް އަދިވެސް މުޅި ދުނިޔެހެން ހަނގުރާމަ ކުރަމުން އަންނަ ދަނޑިވަޅެކެވެ. ޑެލްޓާ ވޭރިއަންޓްގެ އިތުރުން، ކަންބޮޑުވާ ދަރަޖާގައި ލިސްޓު ކޮށްފައި ވާ އަނެއް 3 ވޭރިއަންޓަކީ، އިނގިރޭސިވިލާތުން ފެނުނު އަލްފާ ވޭރިއަންޓް، 141 ގައުމަކުން ފެނިފައި ވާ ޓާ ވޭރިއަންޓް އަދި މިހާރު 90 އަށް ވުރެ ގިނަ ގައުމުން ފެނިފައި ވާ ގާމާ ވޭރިއަންޓްއެވެ.