މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އެކި ވޭރިއަންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައި ވާ އިރު، މިހާތަނަށް ފެނުނު އެންމެ ނުރައްކާ ވޭރިއަންޓަކީ، އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓް ކަމަށް، ކެނެޑާގެ ދިރާސާއެއް ބުނެފިއެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޯންޓޯގެ ރިސާޗަރުން ކުރިއަށް ގެންދިޔަ ދިރާސާއެއް ބުނާ ގޮތުގައި، ޑެލްޓާ ވޭރިއަންޓަކީ ވައިރަހުގެ ސަބަބުން އިންތިހާ އަސަރުތަކެއް ހަށިގަނޑަށް ކުރުވާ ވޭރިއަންޓެކެވެ. ވަކިން ހާއްސަކޮށް ޅަ، ޒުވާން އުމުރު ފުރާއަށް މިކަން ބޮޑު ކަމަށް ދިރާސާގައި ވެއެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި، ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑް ޖެހޭ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުމުގެ ނުރައްކާ އޮތް ނިސްބަތް، 108 ޕަސެންޓް އިތުރެވެ. އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ފަރުވާ ދޭން ޖެހުމުގެ ނުރައްކާ 235 ޕަސެންޓަށް އިތުރު ވާއިރު، މަރުގެ ނުރައްކާ 133 ޕަސެންޓަށް އިތުރު ވާ ކަމަށްވެސް ދިރާސާގައި ބަޔާން ކޮށްފައި ވެއެވެ.

ޑެލްޓާ ވޭރިއަންޓަކީ އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު އިންތިހާ ހަލުވި މިނުގައި ފެތުރިގެން ދާ ވޭރިއަންޓެއް ކަން މީގެ ކުރިންވެސް އޮތީ ހާމަވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރަމުން ދާ ކޮވިޑް ކޭސްތަކުގެ ބޮޑު ހިއްސާއަކީވެސް ޑެލްޓާ ވޭރިއަންޓްކަން، ރެކޯޑްތަކުން ސާބިތުވެއެވެ.