އަވަށްޓެރި އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވާން ވެކްސިން ޖަހާފައި ވާ މީހުންގެ ފަރާތުންވެސް ފެތުރޭ ވޭރިއަންޓެއް ކަމަށާ، މި ވޭރިއަންޓަކީ ބަލި ޖެހޭ މީހުންގެ ހާލު، އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު ސީރިއަސްކޮށްލުމުގެ ފުރުސަތުވެސް އޮތް ވޭރިއަންޓެއް ކަމުގެ އިންޒާރު، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ދީފިއެވެ.

ސީޑީސީއިން އެ އިދާރާގެ އެތެރޭގައި ދައުރު ކުރި ކަރުދާހެއްގައި ބުނެފައި ވަނީ، ޑެލްޓާ ވޭރިއަންޓަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ތަފާތު އިސްތިރާޖެއް ބޭނުން ކުރަން މަޖުބޫރު ކުރުވާ ވޭރިއަންޓެއް ކަމަށެވެ. އެގޮތުން ނުރައްކާ އޮތް މިންވަރު އަންގައިދިނުމަށް މިހާރު ބޭނުން ކުރާ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސީޑީސީއިން ބުނެއެވެ.

ކޮވިޑް-19 އިން ދިފާއުވާން ވެކްސިން ނުޖަހާ ފަރާތްތަކަށް، ބަލި ޖެހިއްޖެ ނަމަ، ހާލު ސީރިއަސްވެ، ނުރައްކާ ވުމުގެ ފުރުސަތު، އެނޫން މީހުންނާ އަޅާ ބަލާއިރު، 10 ގުނަ އިތުރު ކަން، އާންމުންނަށް އަންގައިދޭން ޖެހޭ ކަމަށްވެސް ސީޑީސީއިން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވަމުން އަންނައިރު، ބޮޑު ބައެއް ހިއްސާ ކުރަނީ ޑެލްޓާ ވޭރިއަންޓް ކަން ފާހަގަ ކުރަންޖެހެއެވެ. ޑެލްޓާ ވޭރިއަންޓަކީ، ޑިސެމްބަރު 2019 ގައި ޗައިނާއިން ފެންމަތިވި ކޮވިޑް-19 އާ ގުޅިގެން އުފެދުނު ވޭރިއަންޓްތަކުގެ ތެރެއިން، އެންމެ ހަލުވިކަމާއެކު، އެންމެ ބޮޑު ސަރަހައްދަކަށް ފެތުރިގެން ދިޔަ ވޭރިއަންޓް ކަން ފާހަގަ ކުރަން ޖެހެއެވެ.