އަވަށްޓެރި އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 124 ގައުމަކުން މިހާރު ފެނިފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހާމަކޮށްފިއެވެ.

މި ވޭރިއަންޓަކީ، ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ ނިސްބަތުން ކޮވިޑް ކޭސްތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާ ކުރާނެ ވޭރިއަންޓް ކަމަށާ، ކުރިއަށް އޮތް މަދު ހަފުތާ ކޮޅެއްގެ ތެރޭގައި ޑެލްޓާ ވޭރިއަންޓަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 މިލިއަނަށް އަރާނެ ކަމުގެ ވަރުގަދަ އިންޒާރުވެސް ޑަބްލިއުއެޗްއޯއިން ވަނީ ދީފައެވެ.

ކޮވިޑް-19ގެ ކޭސްތައް މިވަގުތު އެންމެ ހަލުވިކަމާއެކު އިތުރު ވަމުން ދަނީ ވިލާތާއި ހުޅަނގު ޕެސިފިކް ސަރަހައްދުގައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ޑެލްޓާ ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ ދަރަޖައިގެ ވޭރިއަންޓެއް ކަމަށް ކަނޑައަޅާފައެވެ. އޭގެ މާނައަކީ، މި ވޭރިއަންޓަކީ ޖެނެޓިކް ބަދަލުތަކެއް އައިސް، އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ފެތުރުމުގައްޔާ، ވެކްސިނަށް ފިލުމުގެ ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ސަބަބުން، ޑެލްޓާ ވޭރިއަންޓާއެކު ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ނިސްބަތް ކުޑަކޮށްދެއެވެ.