ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެ ގައުމުގައި އިތުރު ވަމުން ދާ ދިއުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާ، ނަމަވެސް ކުރިއަށް އޮތް ފިނި މޫސުމުގެ ދުވަސްވަރު ބަލި ކޮންޓްރޯލް ކުރުމަށް ޕްލޭން-ބީގެ ދަށުން ފިޔަވަޅުތަކެއް އަޅަން ފެށުމަށް ވަޒީރުންގެ މަޖިލީހުން އަދި ނިންމާފައި ނުވާ ކަމަށް، އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.

ފާއިތުވީ 7 ދުވަހަށް ބަލާއިރު، އިނގިރޭސިވިލާތުން ކޮވިޑް ކޭސް ރެކޯޑް ކުރި މިންވަރު އުޅުނީ 40000 އަށް ވުރެ މަތީގައެވެ. އަންގާރަ ދުވަހު އެކަނިވެސް 43738 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަންގާރަ ދުވަހު ރެކޯޑް ކުރި މަރުގެ ކޭސްތަކުގެ އަދަދު 223 އަށް އަރާ އިރު، މިއީ މާޗް 2021 އަށް ފަހު، މި އަދަދު މިހާ މަތިން ރިޕޯޓް ކުރި ފުރަތަމަ ދުވަސްވެސްމެއެވެ.

ކޮވިޑް ކޭސްތައް އިތުރު ވާއިރު ސަރުކާރުން ފަރުވާލެއް ނުދީ ނޯންނާނެ ކަމަށާ، ނަމަވެސް ވެކްސިން ކެމްޕޭން ފުޅާ ދާއިރާއެއްގައި ހިންގަފައި އޮތުމުގެ ސަބަބުން، މީގެ ކުރީގެ އައުޓްބްރޭކްތަކާ އެއްވަރުގެ ޕީކެއް މިފަހަރު ފެނުން ދުރު ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.

ކަން މިހެން އޮތް އިރު، އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ އާ ބާވަތެއް މޮނިޓާ ކުރަމުން އަންނަ ކަން ހާމަކޮށްފައެވެ. އިނގިރޭސިވިލާތުގައި މިހާރު ކޭސް އިތުރު ވަމުން ދަނީ، މިއުޓޭޓް ވެފައި ވާ ޑެލްޓާ ވޭރިއަންޓްގެ މި ބަދަލުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ބަދަލުވެފައިވާ މި ވޭރިއަންޓަކީ ވަކި އިތުރަށް ހަލުވި ދުވެއްޔެއްގައި ފެތުރޭ ވޭރިއަންޓެއް ކަން އަދި ކަށަވަރު ކުރާނެ ހެކި ނެތް ކަމަށް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.