ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގާއި އަކްރަމް އަބްދުލްޣަނީ އާ ބެހޭ ގޮތުން ފަތުރަމުން ގެންދާ ހަގީގަތާއި ހިލާފު ވާހަކަތައް ކުށްވެރިކުރާ ކަމަށާއި އެފަދަ ވާހަކަ ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަޝްފާގާއި އަކުރަމްއާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގާތް އެކުވެރި އަދި އެމްޑީޕީގެ އެކްޓިވިސްޓުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ، އެ ދެ ބަތަލުންގެ އަގު ވައްޓާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އަޝްފާގާއި އަކްރަމް އާ މެދު ދިވެހި ރައްޔިތުން ފަހުރުވެރިވާ ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅުން ބުނީ އަޝްފާގާއި އަކުރަމް އަދި މިނޫނަސް ބައިނަލްއަގްވާމީ މައިދާނުގައި ގައުމު ތަމްސީލުކޮށް ގައުމު ފަހުރުވެރިވާފަދަ ރީތި ނަން ހޯދައިދީ ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމު ހޯދާފައިވާ އެފަދަ ކުޅުންތެރިންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު މިގައުމުގައި އެއްވެސް މީހަކަށް ދެވިގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާފައިވަނީ ކޮންމެ ފަންތިއެއްގައި ހުރި މީހެއް ނަމަވެސް އެކަމެއް ބަލާ ފިޔަވަޅު އެޅުމަކީ ދިވެހި ރައްޔިތުން އެދޭ އެދުމެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އެ ފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުކުރަމުން ގެންދާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި އެފަދައިން ގައުމުގެ ފަހުރުންގެ ގޮތުގައި ބަލައިގެންފައިވާ ގައުމީ ބަތަލުންގެ އަގު ވެއްޓޭ ގޮތަށް ކުރަމުން ގެންދާ ކަންކަން ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.
އިދިކޮޅުން މިގޮތަށް ގޮވާލާފައިވަނީ އެމްޑީޕީގެ ކުރީ ސަފުގައި ހިމެނޭ މީހެއް ކަމަށްވާ ސޫޒަން އިބްރާހިމް ކުރި ޓްވީޓެއްގައި އަޝްފާގާއި އަކްރަމަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ލޭބަލް ކޮށްފައިވަނިކޮށެވެ. އަޝްފާގައި އަކްރަމްގެ ޕޯސްޓަރެއް ރިޓްވީޓްކޮށް ސޫޒަން ބުނީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަަލން މިހާރު ދާނެހޯ އޭނާގެ ރައްޓެއްސަކު ސުވާލު ކޮށްފައިވާ ކަމަށެވެ.
އަދި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް ގޮއްވާލަފާނެ ކަމަށާއި ސިޑިބަރީގައި އިންނަން ދާނީ ކާކުހޯ ވެސް ރައްޓެއްސަކު ސުވާލު ކޮށްފައި ވާ ކަމަށް ސޫޒަން ބުންޏެވެ.
ދިވެހި ފުޓްބޯޅަ ކުޅުންތެރިން ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ލޭބަލް ކުރުމުން ފޫޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ. އެގޮތުން، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފާއި، ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލު ވެސް ހިމެނެއެވެ. އަދި ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދަށް ދާން ތައްޔާރުވެފައިވާ ބައެއް ކަމަށާއި ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެ އެސޯސިއޭޝަނުން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.