ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިންގި މާރާމާރީއެއްގައި 17 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މާރާމާރީ އާ ގުޅިގެން މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނުން ރޭ ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި އަދި 18 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ ހިންގި މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، 17 އެވެ.

ފުލުހުން ބުނީ ރޭ އިރާކޮޅު ހިންގި އެ މާރާމާރީގައި 2 މީހަކު ޒަހަމް ވި ކަމަށެވެ. އަދި 2 މީހުންވެސް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވި ކުއްޖާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ރޭ 22:00 ހާއިރު ހިންގި އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެއީ ރޭ މަރުވި އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާމެންދޫގައި ހިންގި މާރާމާރީގެ މައްސަލަ މިހާރު ސީރިއަސް ކްރައިމް ޑިޕާޓުމަންޓުން ބަލަން ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމުތަކެއް އެރަށް މިއަދު ދިއުމަށް ވަނީ ހަމަޖެހިފައެވެ.