ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ އިތުރު ރަށެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކުރީގެ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެނު ބަޔާނެއްގައި ބުނީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރަނީ ކުރިން އެމަނިކުފާނާ ސުވާލު ކޮށްފައި ވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށެވެ.

ޔާމީން ވަނީ މިދިޔަ އަހަރު ކުރީކޮޅު ހަތަރު ފަހަރެއްގެ މަތިން ފުލުހަށް ހާޒިރު ކޮށްފައެވެ. އޭރު ފުލުހުންގެ އިދާރާއަށް ޔާމީން ހާޒިރު ކުރީ އެތައް މިލިއަން ޑޮލަރެއް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ކޮށް ޝަރީއަތް ހިންގި މައްސަލައެއްގައި ނޫން ކަމަށެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭރު ސުވާލުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް، ކޮރަޕްޝަންގެ އަމަލު ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރި މައްސަލައެއްގައެވެ. އެގޮތުން، އެ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރަށް ހިޔާނާތްތެރި ވެ އެފައިސާ ލޯންޑާ ކޮށްފައި ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރައީސް ޔާމީނާ ސުވާލު ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭ ގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 ރުފިޔާ ހޯދުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރި ވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ވެސް ރައީސް ޔާމީނާ ވަނީ ސުވާލު ކޮށްފައެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކޮށްފައި ވާ ކަމުގެ ތުހުމަތު ރައީސް ޔާމީނަށް ވަނީ ކޮށްފައެވެ.

އެގޮތުން، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ފުލުހުން ވަނީ އެމަނިކުފާނާ ސުވާލު ކޮށްފައެވެ.