އުމުރުފުޅުން އެންމެ 10 އަހަރުން ފެށިގެން އާއިލާއާއެކު ދިރިއުޅުއްވަމުން ގެންދެވި ޑެލަވެއާ ކޮންސްޓިޓުއަންސީއަށް، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން، އަސަރުގަދަ ސަލާމަކުން ވަދާއީ ސަލާމް ކުރައްވައިފިއެވެ.

މިރޭގެ ވަގުތެއްގައި އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާ ބައިޑަން، ޑެލަވެއާ ދޫކުރައްވާ، ވައިޓްހައުސްއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމުގެ ކުރިން ދެއްވި އަސަރުން ފުރިގެންވި މެސެޖުގައި، ޑެލަވެއާގެ ރަށްވެހިން ތާއަބަދު އޭނާއަށް ކުރި ތާއީދަށް ޝުކުރު އަދާ ކުރެއްވިއެވެ.

"އަހަރެން މަރުވާއިރުވެސް ހިތުގައި ލިޔެވިފައި އޮންނާނީ ޑެލަވެއާގެ ނަން. ހިތާމަ ކުރަނީ ހަމަ އެންމެ ކަމަކު. އެއީ ދަރިފުޅު (ނިޔާވެފައިވާ ބޯ ބައިޑަން)، ގާތުގައި ނެތުމުން ކުރެވޭ ހިތްދަތި ކަން" ތުރުތުރު އަޅާ އަޑަކުން ވާހަކަފުޅު ދައްކަވަމުން ބައިޑަން ދެއްވި މެސެޖުގައި ވިދާޅުވިއެވެ.

ޑެލަވެއާގައި ބައިޑަން ދިރިއުޅުއްވަމުން ގެންދެވި ވިލްމިންގްޓަންގައި ކުރިއަށްދިޔަ ފެއާވެލް ރަސްމިއްޔާތުގައި ހުންނެވި އިރު، ބައިޑަން ގެންދެވީ ކީރިތި ކުރައްވަމުން ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މި ރަސްމިއްޔާތުގައި، ބައިޑަން ވަނީ، އަރަމުން އައި ޒުވާން ސިޔާސީ ޝަހްސު، ބޯ ބައިޑަންގެ ހަނދާން އާ ކުރައްވާ، އޭނާއަށް ޓްރިބިއުޓެއް ދެއްވާފައެވެ. ބޯ ބައިޑަން ނިޔާވީ ސިކުނޑީގެ ކެންސަރުގައި، 2015 އަހަރު، އުމުރުން 46 އަހަރުގައެވެ. ބޯ ވަނީ ޑެލަވެއާގެ އެޓާނީ ޖެނެރަލް ކަންވެސް ކުރައްވާފައެވެ.

މިއި އަނދިރި ވަގުތުތަކެއް ކަމަށާ، ނަމަވެސް އަބަދުވެސް އަލިކަން ވާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ޑެލަވެއާއިން ދަސްކޮށްދިން ކަމަކީވެސް އެއީ ކަމަށް ބައިޑަންގެ ވަދާއީ ސަލާމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ބައިޑަން ވަނީ 30 އަށް ވުރެ ގިނަ އަހަރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ޑެލަވެއާ ތަމްސީލު ކުރައްވާފައެވެ.