ހުޅަނގާއި އެމެރިކާއިން ހިތްހަމަ ނުޖެހިފައި ވަނިކޮށް ރަޝިއާ އަށް 2 ދުވަހުގެ ދަތުރުފުޅެއް ކުރައްވައި, ރަޝިއާ އަކީ 'ހުރިހާ މޫސުމެއްގެ ރަހުމަތްތެރިޔާ' ކަމަށް މޯދީ ވިދާޅުވެއްޖެއެވެ.
ރަޝިއާ އާއި އޮސްޓްރިއާ އަށް ކުރައްވާ ދަތުރުފުޅުގައި މޯދީ މޮސްކޯއަށް ވަޑައިގެން ރައީސް ޕްލަޑިމިއާ ޕުޓިން އާ އެކު އެކުވެރި މާހައުލެއްގައި ގިނަ މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. އަދި ވިޔަފާރިއާއި އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމާއެކު ކުރިއަށް ދިޔުމަށް 8 އެއްބަސަވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މޯދީގެ މި ދަދަތުތުފުޅާ ގުޅެ ގޮތުން, ޕުޓިން ވިދާޅުވީ, މޯދީ އަކީ 'ގާތް ރަހުމަތްތެރިއެއް' ކަމަށެވެ.
މި ދަތުރުގައި ރަޝިއާއަށް ތައުރީފް ކުރައްވައި މޯދީ ވާހަކަ ދެއްކެވުމުގެ އިތުރުން އެ ދަތުރު ކުރައްވާނީ ހުޅަނގާއި އެމެރިކާއިން ވަނީ ފާޑު ކިޔާފައެވެ. މޯދީ ދަތުރު ކުރެއްވި ވަގުތަކީ, އެމެރިކާގެ ރައީސް ދައުވަތު ދެއްވައިގެން ނޭޓޯގެ ވެރިންނާއި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އެމެރިކާގައި ތިއްބެވި ވަގުތެކެވެ. އެ ބޭފުޅުން ކަނބޮޑުވެވަޑައިގަތީ, އެ ބޭބޭފުޅުންނާވެސް ގާތް ގުޅުމެއް ބާއްވަވަމުން މޯދީ ޕުޓިންގެ އަރިހަށް ވަޑައިގަތުމުންނެވެ.
މި ދަތުރުފުޅާ ގުޅެ ގޮތުން އިންޑިއާގެ ރަސްމީ ޓީވީތަކުން ބުނެފައިވަނީ, މިއަދުގެ އިންޑިއާ އަކީ އިހުގެ ނުވަތަ ކުރީގެ އިންޑިއާ ނޫން ކަމަށާއި އިރެއްގައި އެމެރިކާ އަކީ ސްޕާ ޕަވާ ކަމަށް ގަބޫލު ކުރިއަސް މިއަދު އެ ހަގީގަތް ބަދަލުވެފައި ވާ ކަމަށެވެ. އަދި ރަޝިއާ އަކީ, އދ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އިންޑިއާ އަށް ލިބުމަށް ވަކާލާތު ކޮށްދޭ އެއް ގައުމު ކަމަށާއި, ދެގައުމުގެ ދެމެދުގައި އޮތީ އިހުތިރާމް ކުރުމާއެކު ގުޅިގެން ކުރިއަށް ދިޔުމުގެ ބަދަހި ގުޅުމެއް ކަމަށެވެ. އަދި އިންޑިއާގެ މުސްތަގުބަލު ކަނޑައަޅާ ކުރިއަށް ދިޔުމުގައި ގިތް ނިންމާނީ އިންޑިއާއިން ކަމަށާއި ރަޝިއާ އަކީ އިންޑިއާގެ ގާތް ބައިވެރިއެއް ކަމަށެވެ.
މި ވާހަކަތަކަކީ އިންޑިއާ ސަރުކާރުގެ މަތީފެންވަރުގެ އޮފިޝަލަކު ދެއްކެވި ވާހަކަތަކަކަށް ނުވާ އިރު މިކަމަށް ހުލަނގުން ރައްދު ދޭނެ ކަމަކަމަށް ނުބެލެވެއެވެ.
މޯދީގެ މިދަތުރުފުޅުގައި ވަނީ, ރަޝިއާއިން ޔޫކްރައިން އާ ކުރާ ހަނގުރާމައާ ގުޅޭގޮތުންވެސް މޯދީގެ އިހުސާސްތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ, ސުލްހަ ގެނެވޭނީ މަޝްވަރާއިން ކަމަށް އަބަދުވެސް ގަބޫލު ކުރައްވާ ކަމަށާއި ދެފަރާތެއްގެ ދެމެދުގައި ރުޅިވެރިކަމާއެކު ހަނގުރާމައެއް ކުރަމުން ދަނިކޮށް ސުލްހަ އަކީ ގަދަބާރުން ގެނެވޭނޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެފަދަ ކޮންމެ ހަނގުރާމައެއްގައި މަރުވާ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރަޝިއާއިން ޔޫކްރައިން އާ ކުރާ ހަނގުރާމައިގައި އިންޑިއާ އަށް ނިސްބްތަވާ 50 އެއްހާ މީހުން ބައިވެރިވެއެވެ. ރަޝިއާގެ ފައުޖުތަކާއެކު އެމީހުން ހަނގުރާމަ ކުރަމުން ދިޔުމަކީ އިންޑިއާއިން ކަނބޮޑުވާ ކަމަކަށް ވާއިރު އެމީހުން އަނބުރާ އިންޑިއާއަށް ގެންދެވޭތޯ ކުރާ މަސައްކަތުގައިވެސް މޯދީވަނީ ރަޝިއާގެ ވެރިންނާ މަޝްވަރާ ކުރައްވާފައެވެ.
މި މަޝްވަރާތަކާ ގުޅޭ ތަފްސީލު ދެއްވަމުން އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވެފައި ވަނީ މިހާތަނަށް ކުރެވުނު މަސައްކަތުން 10 މީހަކު އަނބުރާ އިންޑިއާ އަށް ގެންދެވިފައި ވާކަމަށެވެ.
ރަޝިއާގެ ފައުޖުތަކާއެކު އިންޑިއާ ނޫނަސް އެހެން ބައެއް ގައުމުތަކުގެ މީހުން ބައިވެރިވެ ހަނގުރާމަ ކުރަމުން ގެންދެއެވެ. އެމީހުން ރަޝިއާއަށް ދަނީ, މަހު މުސާރައަށް އެ ފައުޖުތަކާ ގުޅި ހަނގުރާމަ ކުރުމަށެވެ. އެފަދަ ބައެއް މީހުން ބުނާގޮތުން އެމީހުން ހަނގުރާމައަށް ދިޔުމުން ރަށުގައު ހުރެގެން ލިބޭ އާމްދަނީއަށް ވުރެ އެތައް ގުނައެއް ބޮޑު މުސާރައެއް ލިބެއެވެ.