ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ޔޫކްރައިންގެ ސަފުތަށް ފަރުގަދަ ކުރުމަށް ހުޅަނގުން އަންނަނީ ޒަމާނީ ހަތިޔާރު ދީ ރަޝިއާގެ ތެރެއަށް ހަމަލާ ދިނުމުގެ ހުއްދަ ދެމުންނެވެ. އޭގެ ތެރޭގައި އެމެރިކާގައި އުފައްދާފައި ވާ ދުރުރާސްތާ މިސައިލްތަކާއި ޖަރުމަނާއި ފްރާންސް ފަދަ ގައުމުތަކުގައި އުފައްދާ އެންމެ ޒަމާނީ ދުރުރާސްތާ މިސައިލް ހިމެނެއެވެ. އަދި ބޮނ އެޅުމުގައި ބޭނުން ކުރާ އެންމެ ކާމިޔާބު އެފް16 މަރުކާގެ މަތިންދާ ބޯޓު, ކުރިއަށް ހޫނު މޫސުމުގައި ދޭނެ ކަމަށް ހުޅަނގުން އަންނަނީ ބުނަމުންނެވެ.
މިއާއެކު ހުޅަނގަށް އިންޒާރު ދެއްވައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ, ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށް ދީ 'ހުޅަނގުން އެ އަޅަނީ ވަރަށް ނުތައްކާތެރި އަދި ސީރިއަސް ފިޔަވަޅެއް' ކަމަށާއި އެކަމުގެ ނަތީޖާއަކަށް ވަނީ ހުޅަނގާ ދުޝްމަނު ގައުމުތަކަށް ރަޝިއާއިން ހަތިޔާރު ފޯރުކޮށްދީ އެގައުމުތައް ބާރުވެރި ކުރުވަން މަޖުބޫރުވުން ކަމަށެވެ.
ރަޝިއާގެ ޕީޓާސްބާގްގައި އޮތް އިގްތިސޯދީ ފޯރަމްގެ ހަވާސާގައި އޮތް އެޑިޓަރުންގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ, ހަމަނުޖެހުން ހިނގާ ސަރަހައްދުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އަބަދުވެސް ގޯސްކަމެއް ކަމަށެވެ. ހާއްސަކޮށް އެފަދަ ހަތިޔާރު ފޯރުކޮށް ދިނުމުގެ އިތުރުން އެތަކެތި ބަލަހައްޓައި ދެނީވެސް އެ ފޯރުކޮށްދޭ ފަރާތްތަކުން ކަމަށް ވުމަކީ އެކަން އިތުރަށް ގޯސްވާ ކަމެއް ކަމަށެވެ.
"އާހިރުގައި ރަޝިއާ އާ ދެކޮޅަށް އެފަދަ ގައުމުތަކުން ހަނގުރާމައިގައި ބައިވެރިވެ އަދި އެ ކުރާކަންތަކުން ފުރިހަމަ ބައިވެރިވުން އޮތްކަމަށް އަހަރެމެނަށް އެނގިއްޖެ ނަމަ އެމީހުން އަމަލު ކުރާގޮތަށް އަމަލު ކުރުމުގެ ފުރިހަމަ ހައްގު ރަޝިއާ އަށް ވެސް އޮންނާނެ"
އިތުރަށް ޕުޓިން ވިދާޅުވީ, ޖުމްލަކޮށް އެ ކަމުން އުފެދިގެންދަނީ އިތުރު ނުރައްކަލެއް ކަމަށާއި ސީރިއަސް މައްސަލަތަކަކަށް ކަމަށެވެ.
އެއާއެކު އޭނާ ސުވާލު އުފެއްދަވާ ވިދާޅުވީ, އެގައުމުތަކުން ޔޫކްރައިން އަށް ހަތިޔާރު ސަޕްލައި ކޮށްދީ ރަޝިއާއަށް ނުރައްކާ ކުރާ އިރު އެގައުމުތަކާ ދުޝްމަނު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުގެ ހައްގު ރަޝިއާއަށް ނޯންނަންވީ ސަބަބެއް ނެތް ކަމަށެވެ.
ޕުޓިންގެ އެ އިންޒާރު ހުޅަނގަށް އަމާޒު ވި ނަމަވެސް އަދި ހުޅަނގުން އެކަމުގެ ރައްދުގައި އެއްޗެއް ނުބުނެއެވެ. ނަމަވެސް ހުޅަނގުން ވަނީ ޔޫކްރައިން އަށް ބޭނުންވާ ދުރުރާސްތާ އަދި ސްޕީޑް ބާރު މިސައިލް ފޯރުކޮށްދީފައެވެ. އެއާއެކު ޔޫކްރައިން އިން މިދިޔަ ބުދަދުވަހާއި ހުކުރުގައި ރަޝިއާގެ މަގާމުތަކަށް ހަމަލާދީފައި ވާ އިރު ބޭނުން ކޮށްފައި ވާ އެއް މިސައިލަކީ އެމެރިކާއިން ދިން ހިމާސް މަރުކާގެ މިސައިލެވެ. މި މިސައިލް ބޭނުންކޮށްގެން ރަޝިއާގެ އެސް300 މިސައިލް ސިސްޓަމްގެ 2 ސިސްޓަމް ހަލާކު ކޮށްލި ކަމަށް ޔޫކްރައިން އިން ބުނެއެވެ. މިފަދަ ދެވަނަ ހަމަލާއެއް އެމެރިކާއިން ސިން އެޓްކަމްސް މިސައިލް ބޭނުންކޮށްގެން ވެސް ދީފައި ވެއެވެ. އެ މިސައިލަކީ 300 ކިލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ މިސައިލަކަށް ވާ އިރު އެއިން ދިން ހަމަލާއެއްގައި ކްރިމިއާ ކައިރިންން ފެރީ ދަތުރުކުރާ ސަރަހައްދެއްގެ 2 ފެރީއެއް ވަނީ ހަލާކުކޮށްލާފައެވެ.
މިއާއެކު ޕުޓިން ވިދާޅުވެފައި ވަނީ ރަޝިއާ އަށް އަމާޒުވާ މިސައިލްތައް ނައްތާލުމަށްޓަކައި ރަޝިއާގެ ދިފާއީ ނިޒާމުތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށެވެ.
ޕުޓިން ވަނީ ހުޅަނގުގެ ހަތިޔާރުން ރަޝިއާއަށް ހަމަލާދޭން ހުޅަނގުން ހުއްދަ ދިން މައްސަލައިގައި ޖަރުމަނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ, މީގެ ކުރިން ޖަރުމަނުގެ ވިސްނުން ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ޖަރުމަނުގެ ހަތިޔާރުން ރަޝިއާގެ މަގާމުތަކަށް ހަމަލާދޭން ހުއްދަ ދިނުމާއެކު 'ރަސޯ-ޖާމަން' ގުޅުމަށް ވެސް ހީނަރުކަން އަތުވެއްޖެ ކަމަށެވެ.
މިހާރު ތިިކިޔަނީ ރަނގަޅު އެތި......