ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 5 އަހަރުގެ ވެރިކަމުގައި ފެށި މަޝްރޫއުތައް ކުރިއަށް ގެންދާ ސައިޓުތަަކަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެން ފޮޓޯ ނެންގެވުމަކުން މި ސަރުކާރުގެ ކަންނެތް ތަސައްވުރަށް ބަދަލެއް ނުގެނެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ވެލާނާ އެއާޕޯޓުގައި ކުރަމުން ދާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތްތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންނެވެ. ސައީދު ވިދާޅުވީ، އެ މަޝްރޫއުތަކަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހު އެމަނިކުފާނު ފެއްޓެވި ބިޔަ މަޝްރޫއުތައް ކަމަށެވެ. އަދި އެއާޕޯޓަށް އިއްޔެ ރައީސް ސޯލިހް ވަޑައިގެން އެ ސައިތުތަކުގައި ފޮޓޯ ނެންގެވުމަކުން މި ސަރުކާރުގެ ކަންނެތް ކަަމުގެ ތަސައްވުރަށް ބަދަލެއް ނުގެނެވޭނެ ކަމަށް ސައީދު ވިދާޅުވެއެވެ.
އެއާޕޯޓުގައި ކުރަމުން ދިޔަ މަސައްކަތްތައް ރައީސް ސޯލިހު ބައްލަވާ ލައްވަން ވަޑައިގަތީ އިއްޔެއެވެ.
އެއާޕޯޓުގައި ކުރަމުންދާ މަސައްކަތްތަކާއި އޮޕަރޭޝަންސް އާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ ޓޫރިސްޓުން ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރާ މި ދަނޑިވަޅުގައި މައި އެއާޕޯޓުގެ މަސައްކަތްތައް ވީހާވެސް އަމާންކަމާ އެކު ކުރިއަށް ގެންދާތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އެ މަސައްކަތުގައި އުޅޭ އެހެނިހެން ކުންފުނިތަކާއި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެއާޕޯޓަށް ކުރެއްވި ޒިޔާރާތުގައި އެތަނުގައި ކޮވިޑް ބަލިމަޑުކަމުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތައް ފެނިވަޑައިގެން ކަމަށާއި އެކަމުން ވެސް އެމަނިކުފާނަށް އިތުރު ހިތްހަމަޖެހުމެއް ލިބިވަޑައިގެން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
އެއާޕޯޓުގައި ކުރީ ސަރުކާރުން ފެށި ބައެއް މަޝްރޫއުތަކުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެ ގޮތުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާއި ޗައިނާގެ ބައެއް ކުންފުނިތައް އަދިވެސް ދަނީ އެއާޕޯޓުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.