ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަގީގީ ފެށުމަކީ ކޮބައިތޯ ބެލުމަށް ޗައިނާއަށް ދަތުރުކުރަމުންދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސައެންސްވެރިންގެ ޓީމުގެ މެމްބަރުންގެ ތެރެއިން ސިންގަޕޫރުގައި ތާށިވި އެއް ސައެންސްވެރިއަކަށް ޗައިނާއިން ބޯޑަރު ހުޅުވައިފިއެވެ.

15 މެމްބަރުންގެ މައްޗަށް އެކުލެވޭ ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުގެ 13 މެމްބަރަކު ޗައިނާއަށް އެތެރެވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް 2 މެމްބަރަކަށް ސިންގަޕޫރުގައި މަޑުކުރަން މަޖުބޫރުވީ، އެމީހުންގެ ހަށިގަނޑުން ނެގި ސާމްޕަލް، ކޮވިޑް-19ގެ އެންޓިބޮޑީޒްއަށް ޕޮޒިޓިވް ވުމުން، ޗައިނާއަށް އެތެރެވެވެން ނެތް ކަމަށް އެގައުމުން އެންގުމުންނެވެ.

ނަމަވެސް ޑަބްލިއުއެޗްއޯއިން ވަނީ މި 2 މެމްބަރުންގެ ޓެސްޓުތައް އަލުން ހެދުމަށް މަސައްކަތް ކޮށްފައެވެ. އަލުން ޓެސްޓު ކުރި ކުރުމުން، ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން، ސިންގަޕޫރުގައި މަޑުކުރަން ޖެހުނު 2 މެމްބަރުންގެ ތެރެއިން އިނގިރޭސިވިލާތަށް ނިސްބަތްވާ ތަޖުރިބާކާރަކަށް މިހާރު ޗައިނާއަށް ވަދެވިފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޗައިނާއަށް ދަތުރު ފެށި ޑަބްލިއުއެޗްއޯގެ ހުރިހާ މެމްބަރުންނަކީވެސް އެމީހުންގެ އަމިއްލަ ވަޒަނުގައި ކޮވިޑް-19އަށް ނެގެޓިވް ވެފައިވާ މީހުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ޗައިނާއަށް އެތެރެވެވުނު ހުރިހާ މެމްބަރުންނަށްވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ވަނީ ލާޒިމު ކޮށްފައެވެ. ނަމަވެސް މެމްބަރުން ތިބި ހޮޓަލުގައި ތިބެގެން، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާއެކު ވާޗުއަލް ބައްދަލުވުންތައް މިހާރުވެސް ފަށާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޒޫލޮޖިސްޓެއް ކަމަށްވާ ޕީޓާ ޑަޒަކް ވިދާޅުވީ، ޓީމުން މިހާރު ދަނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަމުން ކަމަށާ، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މެހެމާންދާރީ އަދާކުރަމުންދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. މިހާރުވެސް މަސައްކަތް ފަށާފައި ވާ ކަމަށާ، ފުރަތަމަ ދުވަހުގެ ޓެލެކޮންފަރަންސް މައްސަލުވުންތައް ކުރިއަށް ދާ ކަމަށް ޑަޒަކް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ އޮފިޝަލުން ވަނީ ޑަބްލިއުއެޗްއޯގެ ޓީމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަން ހާމަކޮށްފައެވެ. އެގޮތުން، ޓީމު ހަރަކާތްތެރިވާ ހޮޓާ ހިމެނޭ ސަރަހައްދު، ކޯޑަން ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގައި މިހާރު ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަށް ބަލާއިރު، ވައިރަހުގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި، ވޫހާންގެ ސީފުޑް މާކެޓް ސަރަހައްދަށްވެސް ޒިޔާރަތް ކުރާނެއެވެ. މީގެ އިތުރުން ފުރަތަމަ ކޭސްތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލުތަކާއި ރިސާޗް އިންސްޓިޓިއުޓްތަކަށްވެސް މި ޓީމުން ޒިޔާރަތް ކުރާނެއެވެ.

މި ދަނޑިވަޅަކީ ޗައިނާއަށްވެސް ކޮވިޑް-19ގެ އާ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ.