އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ހިންގަމުންދާ ކެޕިޓޮލް ބިލްޑިންގް ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޒުލު ކުރުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް) އިން ނިންމައިފިއެވެ.

މިއީ އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލު ކުރި 2 ވަނަ ފަހަރު ކަމުގައި ވީ ނަމަވެސް، މިއީ އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ރައީސަކު 2 ފަހަރަށް އަޒުލުކުރި ފަހަރު ވެސް މެއެވެ.

މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ޓްރަމްޕް އަޒުލު ކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ނިންމީ، 232 މެމްބަރުންގެ ތާއީދާއެކުގައެވެ. މީގެ ތެރޭގައި ޓްރަމްޕް ނިސްބަވްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.

ޓްރަމްޕް އަޒުލު ކުރުމަށް ތިރިގެއިން ފާސްކުރުމާއެކު، މިމައްސަލަ ދެން ވަންނާނީ ސެނެޓް ނުވަތަ މަތިގައަށެވެ. މި ޝަރީއަތް ކުރިއަށް ދާނީ ސެނެޓްގައެވެ. ސެނެޓްގައި މައްސަލަ ބަލާ، ނިންމާ ގޮތަކުން، ދެން ދުވަހަކުވެސް ޓްރަމްޕަށް ރައީސް ކަމަށް ވަޑައިނުގެންނެވޭ ގޮތްވެސް ވެދާނެއެވެ. ޓްރަމްޕް ވަނީ 2024 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ވިސްނަވާ ކަމަށް އިޝާރާތް ކުރައްވާފައެވެ.

މިހާލަތުގައި އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު އެ މަގާމުން އަޒުލު ކުރުމޭ ބުނަނީ، އެ ރައީސްއަކާ ދެކޮޅަށް ކުށްތަކެއް ސާބިތުކޮށް ދައުވާ އުފުލާ ހިސާބުންނެވެ. ޓްރަމްޕަށް މިފަހަރު ކުރިމަތިވެފައި ވަނީ ކެޕިޓޮލް ބިލްޑިންގްގައި ހިންގި ޖަރީމާތަކަށް ހިތްވަރު ދެއްވި ކަމުގެ ކުށުގެ ދައުވާއާއެވެ.

ޓްރަމްޕް އަޒުލު ކުރުމަށް ތިރިގެއިން ނިންމި ނަމަވެސް، މިއީ ރައީސް ކަމުގެ މަގާމުން ދުރު ކުރުމެއް ނޫނެވެ. ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ދުރު ކުރެވޭނީ، ސެނެޓްގައި ޝަރީއަތް ހިންގާ، 3 ބައިކުޅަ 2 ބައި މެމްބަރުން މިކަމަށް ތާއީދު ކުރައްވައިގެންނެވެ.

ތިރިގެއިން ނެގި ވޯޓަށް ފަހު ޓްރަމްޕް ވަނީ ވީޑީއޯ މެސެޖެއް ދެއްވާފައެވެ. މި ވީޑީއޯ މެސެޖުގައި ޓްރަމްޕް ވަނީ ސުލްހަވެރި ކަމާއެކު ދެމި ތިބުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. ނަމަވެސް، އޭނާ އަޒުލު ކޮށްފައި ވާ ކަން އެއްވެސް ހާލެއްގައި ބަޔާން ކުރައްވާފައެއް ނުވެއެވެ.

ކުރިއަށް އޮތް ހަފުތާއަކީ އެމެރިކާގެ ސިޔާސީ މަސްރަހަށް މުހިންމު ހަފުތާއެކެވެ. އިންތިހާބީ ރައީސް ޖޯ ބައިޑަން ހުވާކުރައްވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް، ބައިޑަން ހުވާ ކުރެއްވުމުގެ ކުރިން، ޓްރަމްޕްގެ މައްސަލާގައި ސެނެޓުން ގޮތެއް ނިންމާނެ ކަމަކަށް ނުބެލެވެއެވެ. ޓްރަމްޕްގެ ދައުރު ނިމުމަށް ފަހުގައިވެސް ސެނެޓަށް މައްސަލަ ބަލާ، ގޮތް ނިންމުމުގެ ބާރު އެބައޮތެވެ.