ފެން ބޮޑު ނުވާނެ ކަމަށް ބުނި ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައި ވާ ތަން ފެންނަ ފޮޓޯއަކާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔާރު ޝަމާއު ޝަރީފު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސްޓްރީޓްސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން ދާދި ފަހުން ތަރައްގީ ކުރުމަށް ފަހު ކަނބާ އައިސާ ރަނި ހިނގުމުގެ އެއް ބައި ހުޅުވާފައިވާ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހުނު ނަމަވެސް އެތަނުގައި ފެން ބޮޑު ނުވާ ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފާއިތުވީ ދެ ދުވަހު މާލެއަށް ކުރި ވިއްސާރާގައި ކަނބާ އައިސާ ރަނި ހިނގުމުގައިވެސް ފެން ހެދުނެވެ. ސޯޝަލްމީޑިއާގައި ދަރުވާ ފޮޓޯ ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވީ ބޯކޮށް ވާރޭ ވެހުނަސް ފެން ބޮޑު ނުވާނެ ކަމަށް ވިދާޅުވި ކަނބާ އައިސާ ރަނި ހިނގުމުގެ ހާލަތަކީ "ނީލަ ކޯރު" ކަމަށެވެ.

ބޯކޮށް ވާރޭ ވެހުނަސް ފެން ބޮޑު ނުވާނެ ކަމަށް ވިދާޅުވި ކަނބާ އައިސާ ރަނި ހިނގުމުގެ ހާލަތު! މިއީ ނީލަ ކޯރު ތަ؟
އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު އަދި ސިފާ މުހައްމަދު ޓެގް ކުރައްވާ ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް މިކަމެއް (މަގު ހެދުން) ނުވާނެ ކަމަށެވެ. އެގޮތުން އެމީހުންނަކީ އަމީނީ މަގުގެ ޕަންޕު ވެސް ނުހެދުނު ޓީމެއް ކަމަށް ޝުޖާއު ވަނީ ފާހަގަ ކުރައްވާފައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް ވޯޓު ދެއްވުމަށެވެ.

މާލޭގެ މަގުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ކުރިންވެސް އަމާޒުވަމުން ދިޔަ އަދި "ހޮޅި މުއިއްޒު" ގެ ނަމުން މަޝްހޫރުވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑުވެފައި އޮންނަ ތަން ފެންނަ ފޮޓޯ ޓްވީޓް ކުރައްވާފައެވެ. އެކަމާ ގުޅިގެން ޑެޕިއުޓީ މޭޔާރު ޝަމާއު ޝަރީފު ވިދާޅުވީ، އެ ފޮޓޯއަކީ އިއްޔެގެ ފޮޓޯއެއް ނޫން ކަމަށާއި އިއްޔެގެ ވަގުތުތަކުގައި ދަނޑައި އިންވެގެން އޮންނަ ޕާކިސް ޒޯން ހުސްކޮށް އޮތްތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި އެ ފޮޓޯގައި އެ ޕާކިން ޒޯން ފެންނަނީ ހުސްކޮށް ކަމަށެވެ.

އަދި ވާރޭ ވެހޭ އިރު ކުޑައެއް ނަގައިގެން އެ ސަރަހައްދަށް ގޮސް ބަލާލުމަށް ޝަމާއު ވަނީ އެދިވަޑައިގެންފައެވެ.

ކަނބާ އައިސާ ރަނި ހިނގުމަކީ "ސްޓްރީޓްސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މަގެވެ. މި މަގު އަލުން ހުޅުވާފައި ވަނީ އިހަށް ދުވަހުއެވެ.

މިމަގަކީ މީގެ ކުރިން ވެސް "ވާރޭކޮޅެއް" ވެހޭ އިރަށް ފެންބޮޑުވާ މަގެކެވެ. ނަމަވެސް މިހާރު އަލުން މަގު ހެދުމާ ގުޅިގެން އިހަށް ފެންބޮޑުވާ ގޮތަށް އެ މަގުގައި ފެން ބޮޑެއް ނުވެއެވެ.