ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓަށް އައި ބަދަލުގެ ސަބަބުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ތައްޔާރު ކުރި ވެކްސިންގެ ކާމިޔާބީއާ މެދު ސުވާލު އުފެދޭ ކަން ފާހަގަ ކޮށް، ސައެންސްވެރިން ތަކެއް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދެކުނު އެފްރިކާގެ ވޭރިއަންޓް އިން "އެސްކޭޕް މިއުޓަންޓް" އެއް ފާހަގަ ކުރެވިފައި ވާ ކަމަށާ، މިއީ ކޮވިޑް-19ގެ ވެކްސިންގެ ކާމިޔާބީ ރޭޓް ދަށްކުރުވަފާނެ ކަމެއް ކަމަށް ސައެންސްވެރިން ބުނެއެވެ.

މީގެ 2 މަހެއްހާ ދުވަސް ކުރިން ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްގެ މިއުޓޭޝަން ނުވަތަ އެއަށް އައި ބަދަލަށް ދީފައި ވާ ނަމަކީ "އީ484ކޭ"އެވެ. މިއަދު، ދުނިޔޭގެ އެކި ކަންކޮޅުތަކުން، 12 ގައުމަކުން މި ވޭރިއަންޓްގެ އަސަރު ވަނީ ފެނިފައެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ކޮމިއުނަކަބަލް ޑިޒީޒަސްގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޕެނީ މޫއާ ވަނީ، މިއީ ސަމާލުވާން ޖެހޭ ވަރުގެ މިއުޓޭޝަނެއް ކަމަށް ވިދާޅުވެފައެވެ.

މި މިއުޓޭޝަންގެ ސަބަބުން ނޭދެވޭ އަސަރެއް ކުރުވުމުގެ ފުރުސަތު އެބައޮތް ކަމަށާ، ނަމަވެސް އެއީ ކިހާވަރެއްގެ އަސަރެއް ކަން އަދި ނޭނގޭ ކަމަށްވެސް އެސޯސިއޭޓް ޕްރޮފެސާ މޫއާ ވިދާޅުވިއެވެ.

"އީ484ކޭ" އަކީ "އެސްކޭޕް މިއުޓަންޓް" އެއް ކަމަށް ބުނަނީ، މި ބަދަލަކީ، ވެކްސިންގެ ޒަރިއްޔާއިން ދިފާއަށް އުފައްދާ އެންޓިބޮޑީތަކަށްވެސް ފިލުމުގެ ބާރު ލިބިފައިވުން އެކަށީގެންވާ ބަދަލަކަށް ވާތީއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިނަށް ވުރެ މި ވޭރިއަންޓްގެ މިއުޓޭޝަންގެ ބާރު ގަދަ ތޯ ބެލުން ފަދަ ދިރާސާތައް އަދިވެސް ކުރިއަށް ދަނީ ލެބް މަރުހަލާގައެވެ.

އެސޯސިއޭޓް ޕްރޮފެސާ މޫއާއާއި އޭނާގެ ޓީމުން މިހާތަނަށް ބެލި ބެލުމުން، ކޮވިޑް-19ގެ ވެކްސިނަކީ މި ބަދަލާ ދެކޮޅަށް މުޅިން ނާކާމިޔާބު ވެކްސިނަކަށް ވުމުގެ ފުރުސަތު އޮތް ވެކްސިނެއް ކަމަށް ނުބެލެވޭ ކަމަށް އެ ޓީމުން ބުނެއެވެ.