އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޑޮނާލްޑް ޓްރަމްޕް ދުރުކުރުމަށްޓަކައި ތަންފީޒު ކުރަން ޖެހޭ "ޓްވެންޓީ ފިފްތު އެމެންޑްމަންޓް" އާ ގެން ކުރިއަށް ވަޑައިގަތުމުގެ ފިކުރެއް ނެތް ކަމަށް، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ގާނޫނު އަސާސީއަށް ގެނައި 25 ވަނަ އިސްލާހު ނުވަތަ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަމު ބަދަލުވުމާ ބެހޭ ގާނޫނު ތަންފީޒު ކުރެއްވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ޕެންސަށް ބާރު އަޅުއްވަމުންނެވެ.

މި ކަމަށް ގޮވާލާ ގަރާރެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، މަޖިލީހުގެ ތިރިގޭގެ ރައީސް، ނޭންސީ ޕެލޯސީއަށް ފޮނުއްވި ސިޓީއެއްގައި ޕެންސް ވަނީ، އެމެރިކާގެ ގާނޫނު އަސާސީއަށް ގެނައި 25 ވަނަ އިސްލާހު ތަންފީޒު ކުރެއްވުމައިގެން ކުރިއަށް ވަޑައިގަތުމުގެ ފިކުރު ނެތް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެމެރިކާގެ ގާނޫނު އަސާސީއަށް ގެނައި 25 ވަނަ އިސްލާހުގެ 4 ވަނަ މާއްދާގެ ދަށުން، ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކަށް އެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރެއްވޭތީ، ނައިބު ރައީސްގެ އަތްމައްޗަށް އެ ބާރުތައް ނަންގަވާ، ވަގުތީ ރައީސްގެ ގޮތުގައި ނައިބު ރައީސްއަށް ގައުމުގެ ވެރިކަން ގެންދެވުމަށް ޕެންސަށް ބާރު އަޅުއްވާފައެވެ.

ނަމަވެސް މިކަމައިގެން ކުރިއަށް ވަޑައިނުގަންނަވާނެ ކަން ހާމަ ކުރައްވަމުން ޕެންސްގެ އޮފީހުން ޕެލޯސީއަށް ފޮނުވި ސިޓީގައި ވަނީ، ވެރިކަމުގެ ދައުރު ހަމަވާން އެންމެ 8 ދުވަހަށް ވެފައި ވާއިރު، މިފަދަ ކަމެއް ތަންފީޒު ކުރުމަކީ އެމެރިކާގެ މަސްލަހަތަށް ނުވަތަ ގާނޫނު އަސާސީގެ ރޫހާ އެންމެ އެކަށޭނަ ފިޔަވަޅަކަށް ވެދާނެ ކަމަށް ނައިބު ރައީސްއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އިންތިހާ އަޑު ހަރުކޮށް ވަކާލާތު ކުރައްވަން ފެއްޓެވީ، މަޖިލިސް އިދާރާއަށް އަމާޒުކޮށް، ޓްރަމްޕްގެ ސަޕޯޓަރުން ދިން ވަރުގަދަ ހަމަލާތަކާއި އެ ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ޓްރަމްޕް އަޒުލު ކުރުމަށް ގާނޫނު ހަދާ މަޖިލީހުން މިއަދުގެ ވަގުތެއްގައި ގަރާރެއް ފާސް ކުރާނެ ކަމަށް ހަބަރު ލިބެއެވެ.