ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އިތުރު ރާޅަކާ ދިމާއަށް މިސްރާބު ޖަހާފައިވާ މެލޭޝިއާގެ ވަޒީރުންގެ މަޖިލީހުން 4 ދުވަހުގެ ތެރޭގައި 3 ވަޒީރަކު މި ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

މެލޭޝިއާގެ ވަޒީރުންގެ މަޖިލީހުން ކޮވިޑަށް އެންމެ ފަހުން ޕޮޒިޓިވް ވެފައި ވަނީ، ދާހިލީ ވަޒީރު ހަމްޒާ ޒައިނުއްދީން ކަމަށް ހަބަރު ލިބެއެވެ.

މެލޭޝިއާގެ ދާހިލީ ވުޒާރާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ހަމްޒާ ކޮވިޑަށް ޓެސްޓު ކުރެއްވީ ހޯމަ ދުވަހު ކަމަށާ، އެ ބައްޔަށް އޭނާ ޕޮޒިޓިވް ވެފައި ވާ ކަން ކަށަވަރު ވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ހަމްޒާ ކަރަންޓީނު ކުރެވޭނެ ކަމަށާ، އަދި ސިއްހަތާ ބެހޭ ވުޒާރާއިން އޭނާގެ ހާލު ބަލަމުން އަންނާނެ ކަމަށް ދާހިލީ ވުޒާރާއިން ބުނެއެވެ. އަދި މިނިސްޓްރީގެ ހުރިހާ ކަމެއްވެސް އަމާން ކަމާއި އޮމާން ކަމާއެކު ހިނގާތޯ ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަންވެސް މެލޭޝިއާގެ ދާހިލީ ވުޒާރާއިން ވަނީ ދީފައެވެ.

މެލޭޝިއާގެ ދާހިލީ ވަޒީރު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، ޖެނުއަރީ 8 ވަނަ ދުވަހާއި 11 ވަނަ ދުވަހާ ދެމެދު އޭނާއާ ބައްދަލު ވެފައިވާ ހުރިހާ އެންމެންވެސް ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ވަނީ ގޮވާލާފައެވެ.

މެލެޝިއާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވިމެން، ފެމިލީ އެންޑް ކޮމިއުނިޓީ ޑިވަލޮޕްމަންޓް މިނިސްޓަރު، ރީނާ މުހައްމަދު ހާރޫން ކޮވިޑް-19އަށް ޕޮޒިޓިވް ވީ އާދީއްތަ ދުވަހުއެވެ. އަދި ބޮޑުވަޒީރުގެ އިދާރާގެ އިގުތިސޯދާ ބެހޭ ވަޒީރު މުސްތޮފާ މުހައްމަދު، ކޮވިޑް-19އަށް ޕޮޒިޓިވް ވީ ހޮނިހިރު ދުވަހުއެވެ.