އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަނީސް ޖަކާޓާ ބޭއަށް މިދިޔަ ހޮނިހިރު ދުވަހު ވެއްޓުނު ސްރީވިޖަޔާ އެއާގެ މަތިންދާ ބޯޓުގެ 'ކަޅުފޮށިތައް' ފެނިފައި ވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ސާޗް އެންޑް ރެސްކިއު މިޝަން މިއަދު އަލުން ފަށާއިރު، ބޯޓުގެ މުހިންމު މައުލޫމާތުތަކެއް ރައްކާ ކޮށްފައިވާ ފްލައިޓް ރެކޯޑަރުތައް ސަލާމަތުން ނެގޭނެ ކަމުގެ ޔަގީންކަން، އިންޑޮނޭޝިއާގެ ކަނޑުގެ އަސްކަރިއްޔާގެ ޑައިވަރުންނަށް އެބައޮތް ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ އިސްވެރިޔާ ސޮއެރްކާންޓޯ ޖަހުޖޯނޯ ވިދާޅުވީ، 2 ރެކޯޑަރުވެސް އޮތް ސަރަހައްދު ހޯދިފައި ވާ ކަމަށާ، މާ ގިނަ އިރުތަކެއް ނުވެ އެ 'ފޮށިތައް' އެއްގަމަށް ނެގިދާނެ ކަމަށެވެ.
ފްލައިޓް ޑޭޓާ ރެކޯޑާ (އެފްޑީއާރް) އާއި ކޮކްޕިޓް ވޮއިސް ރެކޯޑާ (ސީވީއާރް) ނުވަތަ މަތިންދާ ބޯޓުގެ 'ކަޅުފޮށިތަކަކީ'، ވައިގެ އުދުހުންތަކުގެ ހިތާމަވެރި ހާދިސާތަކުގެ ތަހުގީގަށް އިންތިހާއަށް މުހިންމު 2 ހެއްކެވެ. މިއީ ބޯޓުގެ ދަތުރާ ބެހޭ މުހިންމު މައުލޫމާތުތަކެއް ރައްކާ ކުރެވޭ 2 މަސްދަރެވެ.
ބޮއިންގެ 737-500 މަރުކާގެ މި ފްލައިޓް ވެއްޓުނު ސަރަހައްދުން، ބޯޓުގެ ބައިތަކާއި، އިންސާނުންގެ ހަށިގަނޑުގެ ބައިތައް ފެންނަމުން ދާ ކަމަށް ހަބަރު ލިބެއެވެ.
ވެއްޓުނު ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ފުރޮޅަކާ، ފިއުސެލާޖުގެ ބައެއް ހިމެނޭއިރު، އެއް އިންޖީނުގެ ބުރަފަތިގަނޑުވެސް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މީހުން ހޯދުމުގެ މަސައްކަތް ރޭގަނޑަށް ހުއްޓާލުމަށްފަހު ދުވާލު އަލުން ފެށި ކަމުގައި ވީ ނަމަވެސް، ފްލައިޓުން ދަތުރު ކުރި މީހަކު ދިރިހުއްޓާ ފެނިދާނެ ކަމުގެ އުއްމީދު މިހާރު ވަނީ ފަނޑުވެފައެވެ.
ޖަކާޓާ ފުލުހުންގެ ތަރުޖަމާނު ޔުސްރީ ޔޫނުސް ވިދާޅުވީ ސާޗް އެންޑް ރެސްކިއު އޭޖެންސީއިން 2 'ދަބަހެއް' ފޯރުކޮށްދީފައި ވާ ކަމަށެވެ. އެއް ދަބަހުގައި ހުރީ ބޯޓުން ދަތުރު ކުރި މީހުންގެ މުދާ ކަމަށް ބެލެވޭ ތަކެއްޗެވެ. އަނެއް ދަބަހުގައި ހުރީ އިންސާނުންގެ ހަށިގަނޑުގެ ބައިތައް ކަމަށް ޔުސްރީ ވިދާޅުވިއެވެ.
ފުލުހުން ވަނީ، ފްލައިޓުން ދަތުރު ކުރި މީހުންގެ ހަށިގަނޑުތައް ދެނެގަތުމަށްޓަކައި، ޑީއެންއޭ ސާމްޕަލްއާއި ޑެންޓަލް ރެކޯޑްތައް ފޯރުކޮށްދިނުމަށް އާއިލާ މެމްބަރުންނަށް ގޮވާލާފައެވެ.
ފްލައިޓް އެސްޖޭވައި 182 އަކީ 2019 ވަނަ އަހަރުގެ މާޗް މަހު ގްރައުންޑްކުރި ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓެއް ނޫނެވެ. 27 އަހަރު ވެފައިވާ މި ބޯޓަކީ ބޮއިންގް 737-500 މަރުކާގެ ބޯޓެކެވެ.
ޖަކާޓާގެ ވައިގެ ބަނދަރުން ފްލައިޓް އެސްޖޭވައި 182 އުދުއްސާލީ ހޮނިހިރު ދުވަހު، އިންޑޮނޭޝިއާ ގަޑިން 14:36 (07:36 ޖީއެމްޓީ) ގައެވެ. އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ބޯޓާ އެންމެ ފަހުން ގުޅުނީ 14:40 ގައެވެ. ޕޮއިންޓިއަނަކްއަށް ކުރާ މި ދަތުރުގެ އާންމު ދިގު މިނަކީ 90 މިނެޓެވެ.
އިންޑޮނޭޝިއާގެ ހެޑް އޮފް ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީގެ އެއާ މާޝަލް ބަގޫސް ޕުރުހީޓޯ ވިދާޅުވީ، ހާލުގައި ޖެހިގެން އުޅޭ ކަމުގެ އެއްވެސް ސިގުނަލެއް، ފްލައިޓް އެސްޖޭވައި 182 އިން ދީފައި ނުވާ ކަމަށެވެ.
ނަމަވެސް، ފްލައިޓް ރާސްތާ ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފްލައިޓްރޭޑާ24 އިން ބުނީ، ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182، ޖަކާޓާއިން އުދުއްސާލިތާ 4 ވަރަކަށް މިނެޓް ފަހުން، 1 މިނެޓް އިތުރު ތެރޭގައި 10000 ފޫޓު ތިރިއަށް ވެއްޓުނު ކަމަށެވެ.
ބޮއިންގް 737-500 މަރުކާގެ މި ބޯޓަކީ ރަނގަޅު ހާލަތުގައި އޮތް ބޯޓެއް ކަމަށް ސްރީވިޖަޔާ އެއާގެ ޗީފް އެގްޒެކެޓިވް ޖެފާސަން އާވިން ޖޯވެނާ ވަނީ ނޫސްވެރިންނަށް ވިދާޅުވެފައެވެ. އަދި ބޯޓު ފުރީ، ޝެޑިއުލަށްވުރެ 30 މިނެޓް ލަހުން ކަމަށާ، ފްލައިޓް ޑިލޭ ކުރަން ކުރަން ޖެހުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށްވެސް ޖޯވެނާ ވަނީ ވިދާޅުވެފައެވެ.
ފްލައިޓް އެސްޖޭވައި 182 "ގެއްލުނީ" ވެރިރަށް ޖަކާޓާގެ 20 ކިލޯމީޓަރު އުތުރުންނެވެ. އެއީ 2018 ވަނަ އަހަރުވެސް މަތިންދާބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާއެއް ހިނގި ސަރަހައްދާ ކައިރި ހިސާބެކެވެ. އެ ފަހަރު ލަޔަން އެއާގެ ފްލައިޓެއް ވެއްޓި، 189 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.