ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ވައިރަހުގެ ޖެނެޓިކް ވޭރިއަންޓަށް އަންނަ ބަދަލުތަކެއް ސަބަބުން "ފޯލްސް ނެގެޓިވް" ނަތީޖާ ދެއްކުން އެކަށީގެންވާ ކަމުގެ އިންޒާރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ.

ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ލެބުތަކަށް އެފްޑީއޭއިން ދިން އިންޒާރުގައި ބުނެފައި ވަނީ، ސާސްކޮވް-2 ގެ ޖެނެޓިކް ވޭރިއަންޓަށް ބަދަލު އައުމުގެ ސަބަބުން، ސައްހަ ނޫން "ނެގެޓިވް" ނަތީޖާއެއް ދެއްކުން އެކަށީގެން ވާ ކަމަށާއި، އިނގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓް (B.1.1.7)ގެ ހާލަތުގައިވެސް "ފޯލްސް ނެގެޓިވް" ނަތީޖާ ދެއްކުން އެކަށީގެންވާކަމަށެވެ.

ހަށިގަނޑުގައި ވައިރަސް ހުރިތޯ ބެލުމަށް ސާމްޕަލް ނަގާ ޖެނޯމްއަކީ ބަދަލު އައިސްފައިވާ ސަރަހައްދަކަށް ވެއްޖެ ނަމަ، ސައްހަ ނޫން ނެގެޓިވް ނަތީޖާއެއް ދެއްކުމުގެ ފުރުސަތު އެބަ އޮތް ކަން އެފްޑީއޭ އިން ފާހަގަ ކުރެއެވެ. އެހެން ކަމުން، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކޭހެއްގެ ސާމްޕަލް ނެގެޓިވް ކަމަށް ދައްކައިފިނަ، އިތުރު ޓެސްޓުތަކެއް ހަދައިގެން ނަތީޖާ ކަށަވަރު ކުރުމަށްވެސް އެފްޑީއޭއިން އިރުޝާދު ދެއެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް އެމެރިކާގައި ބޭނުން ކުރާ "މޭސާބައޮޓެކް އެކިއުލާ"، "ޓެގްޕާތު ކޮވިޑް-19 ކޮމްބޯ ކޮޓް" އަދި "ލިނިއާ ކޮވިޑް-19 އެސޭ ކިޓް"އަށްވެސް ޖެނެޓިކް ވޭރިއަންޓް އަސަރު ފޯރާ ކަމަށް އެފްޑީއޭއިން ވަނީ ބުނެފައެވެ.

އިނގިރޭސވިލާތުން ރިޕޯޓް ކުރި އާ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނެއްގައި އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ފެތުރިގެންދާ ވޭރިއަންޓަކަށް ވީ ނަމަވެސް، ކޮވިޑް-19އިން ދިފާއުވުމަށް މިހާތަނަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކުން، މި ވޭރިއަންޓާ ދެކޮޅަށްވެސް ދިފާއު ހޯދާދޭ ކަމަށް ބުނެވެއެވެ.