ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ތަމްރީނު ތަކަށް ޕޭލީވް އަދި ނޯޕޭ ލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނު ތަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަ ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ތަމްރީނު ހޯދުމަށް ހަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމަށް ސީއެސްސީން ނިންމައިފިއެވެ.

ސީއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި، މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނު ކުރުމަށް ހަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ އަދި ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުން ދިޔަ މަގާމަށް ރުޖޫއަ ކުރުމަށް ނިންމާފައި ވާ ކަމަށް ވެސް ސީއެސްސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މަގާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލި އިރު ހުރި މަގާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަގާމާ އެއް ރޭންކެއްގެ މަގާމަކަށް ވަޒީފާ ހަމަޖެއްސުމަށް ވެސް ނިންމާފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.

ހަމައެހެންމެ އެ މުވައްޒަފަކަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ހަރަދު އަނބުރާ އިދާރާތަކަށް ހޯދުމާ ގުޅޭގޮތުން އަމަލުކުރާނެ ކަމަށް ބަޔާންކޮށްފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރަ އާއި ސާވިސް އެލަވަންސް ލިބޭ ގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ހަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ހަރަދުކުރި މުއްދަތަށް ރިއާޔަތްކޮށް، ދިވެހި ސިވިލް ސާވިސްއަށް ހިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ހިދުމަތް ކުރާ ގޮތަށް ހަމަޖައްސަން ޖެހެހޭނެ ކަމަށް ވެސް ސީއެސްސީން ބުނެއެވެ.

ސީއެސްސީން ބުނީ ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ހަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދާނެ ކަމަށެވެ.

އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދާ ފައިސާ ހޯދާނެ ކަމަށް ސީއެސްސީން ވަނީ ބުނެފައެވެ.