ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)، އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް ގިނަ ފަހަރަށް ވާރުތަވެފައި ވަނީ، ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ (އެސިމްޓޮމެޓިކް) ކޭސްތަކުގެ ޒަރިއްޔާއިން ކަމުގައި ވެދާނެ ކަމަށް ބުނާ އާ ދިރާސާއެއް އާންމު ކޮށްފިއެވެ.
އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ޝާއިއު ކުރަމުން އަންނަ ޖާމާ ނެޓްވޯކް އޯޕަން ޖާނަލްގައި އާންމު ކޮށްފައި ވާ މި ދިރާސާ އެކުލަވާލީ، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ދިރާސާ ޓީމަކުންނެވެ.
ސީޑީސީގެ ޓީމުން ބުނީ މިއީ ހަގީގީ ދުނިޔޭގެ ދިރާސާއެއް ނޫން ކަމަށާ، މިއީ މޮޑެލްއެއް ކަމަށެވެ. ނަމަވެސް މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވާނީ ޗައިނާގައި ކުރިއަށް ގެންދިޔަ 8 ދިރާސާއަކުން ކަމަށާ، މި މައުލޫމާތަށް ބަލާއިރު 59 ޕަސެންޓް ކޭސް ވާރުތަ ކޮށްފައި ވަނީ، އެސިމްޓޮމެޓިކް ކޭސްތަކުގެ ޒަރިއްޔާއިން ކަމަށް ސީޑީސީގެ ޓީމުން ބުނެއެވެ.
ސީޑީސީގެ ޓީމުން ބުނީ މި 59 ޕަސެންޓް ކޭސްތަކުގެ ތެރެއިން 35 ޕަސެންޓް ކޭހުގެ ޒަރިއްޔާއިން ބަލި ފެތުރީ އަލާމާތްތައް ފެނުމުގެ ކުރިން (ޕްރީ-ސިމްޓޮމެޓިކް މަރުހަލާގައި) ކަމަށެވެ. އަދި އަނެއް 24 ޕަސެންޓަކީ އެއްވެސް ގޮތަކަށް ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކޭސްތައް ކަމަށްވެސް ސީޑީސީގެ ޓީމުން ފާހަގަ ކުރެއެވެ.
މިއީ ކުރިންވެސް ދެންނެވި ފަދައިން، ކޮވިޑް-19 ފެތުރިގެން އަންނަ ގޮތުގެ މޮޑެލް ދިރާސާއެއް ކަމުން، ހަގީގީ ދުނިޔޭގައި މިކަން އޮތް ގޮތެއް ބެލުމަށް އިތުރު ދިރާސާތައް ކުރަން މަޖުބޫރުވެއެވެ.
މިވަގުތަށް އޮތީ މާސްކު ބޭނުން ކުރުމާއެކު ޖިސްމާނީ ގައިދުރުކަން އިސްކޮށްގެން ވައިރަހުގެ މައްޗަށް ކުރި ހޯދުން ކަމަށް ދިރާސާ ޓީމުން ފާހަގަ ކުރެއެވެ.