މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓާ މެދު ގާނޫނު ހަދަ މަޖިލީހުން ފަހު ބަސް އިއްވުމަށް ތައްޔާރު ވަމުން އަންނަ ދަނޑިވަޅާ ދިމާކޮށް، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން، އެމެރިކާގެ މަޖިލިސް ކުރާ ގެ (ކެޕިޓޮލް ބިލްޑިންގް) ލޫޓުވާ، އެސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ މީޑިއާގެ މުދަލާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ މަންޒަރުތަކާ ވާހަކަތަކަށް ބަލާއިރު، މަޖިލިސް ކުރާ ގެ ހިންގަމުންދާ އިމާރާތުގެ ތެރެއަށް ވަދެގަތް ޓްރަމްޕްގެ ސަޕޯޓަރުން ދީފައި ވާ ގެއްލުންތަކަކީ އެކަމާ ދެކޮޅަށް ޝަރުއީ އިމުގެ ތެރެއިން މައްސަލަ ބެލެވޭ ވަރުގެ ގެއްލުންތަކެއް ކަމަށް ހަބަރު ލިބެއެވެ.

މި ގެއްލުންތައް ދިން މަންޒަރުތައް ވެސް ކެމެރާތަކަށް ވަނީ އަރާފައެވެ. އެގޮތުން ގެޓީ އިމޭޖަޒްގެ ކެމެރާއަކަށް އަރާފައިވާ އެއް މަންޒަރަކީ، "ޓްރަމްޕް" ސްކީ މާސްކެއް އަޅައިގެން ހުރި މީހަކު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ، ނޭންސީ ޕެލޯސީގެ ޕޯޑިއަމް ހިފައިގެން މަޖިލިސް އިދާރާ ތެރޭގައި ހަރަކާތްތެރިވެފައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓޮލް ބިލްޑިންގް ލޫޓުވާ މީޑިއާއަށް ދިން ގެއްލުންތަކުގެ ތެރެއިން އޭޕީގެ އިކުއިޕްމަންޓްތަކެއް ހަލާުކޮށްލާފަ / ފޮޓޯ: ޓްވިޓާ

މީގެ އިތުރުން ގިނަ އަދެއްގެ ބަޔަކު ވަނީ، ކެޕިޓޮލް ބިލްޑިންގްގައި ހުންނަ ޕެލޯސީގެ އޮފީހަށްވެސް ގެއްލުން ދީފައެވެ. އެ އޮފީހުގެ މޭޒުތަކާ އެހެނިހެންވެސް ތަކެއްޗަށް ގެއްލުން ދީ، "ހަނދާނެއްގެ" ގޮތުގައި ބައެއް ތަކެތި ނަގާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ. ޕެލޯސީގެ މެއިލްއެއްވެސް އިދާރާއިން ބޭރަށް ނެރެ، އެ ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް މީހަކު ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

މަޖިލިސް އިދާރާގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން، ހާދިސާ ކުރިއަށް ދިޔަ ސަރަހައްދުގައި ހަރަކާތްތެރިވި ބައިނަލްއަގުވާމީ މީޑިއާއަށްވެސް ޓްރަމްޕްގެ ސަޕޯޓަރުންގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. އެގޮތުން އެސޯސިއޭޓަޑް ޕްރެސް، ސީއެންއެން އަދި ޖަރުމަނުވިލާތުގެ މީޑިއާއެއްގެ މުދަލާ ތަކެއްޗަށް ގެއްލުން ދީފައި ވާއިރު، މި ގެއްލުމުގެ އަގު، އެތައް ސަތޭކަ ހާސް ޑޮލަރަކަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި ޓްރަމްޕްގެ ސަޕޯޓަރުން ރެއިން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ލިބުނު މާލީ ގެއްލުމުގެ ސީދާ އަގުތައް އަދި ސާފުވާ ގޮތެއް ނުވެއެވެ.