ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، އެ ބަލިން ރަނގަޅު ވުމަށްފަހު 8 މަސް ދުވަހަށް ދިފާއު ލިއްބައިދޭ ކަމަށް ބުނާ ދިރާސާއެއް އާންމު ކޮށްފިއެވެ.
ދިރާސާގެ ބައިވެރިންގެ ތެރެއިން 188 މީހެއްގެ ހަށިގަނޑުން ކޮވިޑް-19ގެ އެންޓިބޮޑީޒް ފެނުނީ އެކަނި ނޫން ކަމަށާ، އިންފެކްޝަނަކަށް ފަހު ހަށިގަނޑުގައި އުފައްދާ ދިފާއީ ސެލްތައްވެސް ފާހަގަ ވެފައި ވާ ކަމަށް ދިރާސާ ރިޕޯޓް ބުނެއެވެ.
"ދިފާއީ ނިޒާމާ ބެހޭ 3 ދިމާއަކުން 95 ޕަސެންޓާ ހަމައަށް ދިފާއީ ބާރު ވަނީ ފާހަގަ ވެފަ. އިންފެކްޓްވި ތާ 5-8 މަހާ ދެމެދުގައި މި ބާރު ދެމި ހުރޭ. އެހެން ކަމުން. މިއީ ކޮވިޑް-19 ޖެހިގެން ގިނަ ދުވަސްތަކަކަށް ދިފާއު ލިއްބައިދޭ ކަން އަންގައިދޭ ކަމެއް" ސައެންސް ޖާނަލްގައި އާންމު ކޮށްފައި ވާ ދިރިސާ ރިޕޯޓްގައި ބުނެފައިވެއެވެ.
މި ދިރާސާ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވި ލާ ހޯލާ އިންސްޓިޓިއުޓް ފޮ އިމިއުނޮލޮޖީއާއި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ޑރ ޖެނިފާ ޑޭންއެވެ. ޑރ ޑޭންގެ ޓީމުން މަސައްކަތް ކުރީ ކޮވިޑް-19 ޖެހި، އެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުން ދޭ ދިފާއީ އިޖާބަ ދިރާސާ ކުރުމަށެވެ.
ކަން މިހެން އޮތް އިރު، 2 ވަނަ ފަހަރަށްވެސް ކޮވިޑް-19އަށް އިންފެކްޓް ވާ ވާހަކަތައް ފެންމަތިވެއެވެ. ނަމަވެސް، މިއީ މަދު ހާލަތެއްގައި ނޫނީ މެދުވެރި ނުވާނެ ހާލަތެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.