އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ (ކެޕިޓޮލް ބިލްޑިންގް) ގައި މިހާރު ކުރަމުން ދަނީ ބަގާވާތް ނޫން ދެވަނަ ދެ ކަމެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓާ މެދު އެންމެ ފަހު ބަސް އިއްވުމުގެ މަސައްކަތްތައް، މަޖިލީހުގައި ކުރިއަށް ގެންދާ މި ދަނޑިވަޅާ ދިމާކޮށް، އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން ދަނީ ކެޕިޓަލް ބިލްޑިންގް ސަރަހައްދުގެ ހުރުމަތް ކަނޑާލަނިވި އަމަލުތަކެއް ހިންގަމުންނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިމާރާތް ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން / ފޮޓޯ: ފްރާންސް24

މިއަދު ފަތިހު ކުރެއްވި ޓްވީޓެއްގައި މިކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، ބަގާވާތެއް ތަޖުރިބާކޮށްފައިވާ މީހަކަށް އެކަން ނޯޅޭނެ ކަމަށެވެ. ދިވެހިރާއްޖޭގައި ޑިމޮކްރަޓިކް އުސޫލުން ކުރިއަށް ގެންދިޔަ ފުރަތަމަ އިންތިހާބު ކާމިޔާބު ކުރައްވާ، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވެޑައިގެންނެވި ނަޝީދު، 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވީ، ބަގާވާތެއްގެ ސަބަބުން ކަމަށް ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އަދިވެސް ދަނީ ވަކާލާތު ކުރަމުންނެވެ.

އެމެރިކާގެ މަސްރަހަށް އިޝާރާތް ކުރައްވަމުން ނަޝީދު އިތުރަށް ވިދާޅުވީ، ހަމަލާ ދެމުން އެ ދަނީ ހަމައެކަނި އެމެރިކާގެ ޑިމޮކްރަސީއަށް ނޫން ކަމަށެވެ. އެ ހަމަލާތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޑިމޮކްރަޓިކް މިނިވަންކަމާ، އުސޫލުތަކަށް އަމާޒުވެގެންދާ ހަމަލާއެއް ކަމަށްވެސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

ކެޕިޓޮލް ބިލްޑިންގް ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި 1 ފުރާނަ ވަނީ ގެއްލިފައެވެ.

ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރަޓިކް ސެނެޓާ ޗަކް ޝޫމާ ވިދާޅުވީ، މިއީ އެމެރިކާގެ ތާރީހުގައި ޖެހިގެންދިޔަ ކަޅު ލައްގަނޑެއް ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަމުން ދަނީ މުޒާހަރާ ކުރާ މީހުންނޭ ނުބުނެވޭނެ ކަމަށާ، އެ ހަމަނުޖެހުން ހިންގަމުން ދަނީ "ޓެރަރިސްޓުން" ކަމަށްވެސް ޝޫމާ ވަނީ ސިފަކުރައްވާފައެވެ.

ތާރީހު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރޭގެ ދަންވަރުގެ ވަގުތެއްގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާއަށް އަމާޒުކުރި ހަމަލާއަކީ 1812 ވަނަ އަހަރު އިނގިރޭސިން އެ އިމާރާތުގައި ހުޅުޖެހިފަހުން، ގާނޫނު ހަދާ މަޖިލީހަށް ދިން ފުރަތަމަ ހަމަލާއެވެ.

އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވާ، އެ ހަމަލާ ކުށްވެރި ކުރައްވަމުންނެވެ. އަދި އިންތިހާބީ ރައީސް ޖޯ ބައިޑަންއަށް ތާއީދު އޮތްކަންވެސް ހާމަ ކުރައްވަމުންނެވެ.

ސެނެޓްގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން މެމްބަރު މިޗް މެކޯނެލް ވިދާޅުވީ، މަޖިލީހުން ފެށި މަސައްކަތް ނިންމާނެ ކަމަށާ، އެމެރިކާގެ ރައްޔިތުންނަށް ހައްގު ރައީސަކު ކަނޑައަޅުއްވާ ދެއްވާނެ ކަމަށެވެ. ސެނެޓްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ ރިޕަބްލިކަން މެމްބަރުންވެސް ގެންދަވަނީ ރައީސް ކަމުގެ މަގާމުގައި ޓްރަމްޕް ދުރުކުރަންޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.

ލިބެމުންދާ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު ޓްރަމްޕްގެ ވަޒީރުންގެ މަޖިލީހުންވެސް މިހާރު ދަނީ ވެރިކަމުން ޓްރަމްޕް ދުރުކުރުމުގެ މަޝްވަރާތައް ކުރައްވަމުންނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް (ސެނެޓް)ގެ މެޖޯރިޓީ ލީޑަރު މިޗް މެކޯނެލް / ފޮޓޯ: ސީއެންއެން

ކެޕިޓޮލް ބިލްޑިންގައި ހިންގި ޖަރީމާތަކަށް ފަހު، ވައިޓްހައުސްގެ އިސް 3 އޮފިޝަލަކުވެސް މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާވެސް ހިމެނިވަޑައިގަންނަވައެވެ.

ކަންމިހެން އޮތްއިރު ވަރުގަދަ ސޯޝަލް މީޑިއާ ކުންފުނިތަކުން ވަނީ ޑޮނާލްޑް ޓްރަމްޕްގެ އެކައުންޓްތައް ފްރީޒްކޮށްފައެވެ.