ތަރައްގީގެ ރޮނގުން ދިވެހިރާއްޖެއަށް މިހާރުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަން އެ ގޮތުގައި ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަލީއަހުދު ޝައިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްވައިފިއެވެ.
ޔޫއޭއީގެ ވަލީއަހުދު މި ޔަގީންކަން ދެއްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނުގެ ވަގުތެއްގައި، ވަލީއަހުދުގެ ގަނޑުވަރުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހާއި ޔޫއޭއީގެ ވަލީއަހުދު ވަނީ މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތުގެ އަދުގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޔޫއޭއީއާއި އެހެން ގައުމުތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، މި ބަލިމަޑުކަމާ ކުރިމަތިލުމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ޓެކްނޮލޮޖީގެ އީޖާދީ އިސްތިރާޖުތަކަށްވެސް ރައީސް ސޯލިހު ވަނީ ތައުރީފު ކުރައްވާފައެވެ.
ރައީސް ސޯލިހުއާއި ޔޫއޭއީގެ ވަލީއަހުދާ ދެމެދު މިއަދު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުންވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޮ ޑޮވަލޮޕްމަންޓް (އޭޑީއެފްޑީ) ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތަކާ ބެހޭ ގޮތުން ރައީސް ސޯލިހާއި ވަލީއަހުދު ނަހްޔާން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަލީއަހުދު ނަހްޔާން ވަނީ، ޔޫއޭއީގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމި އޮންނާނެކަން ކަށަވަރު ކޮށްދެއްވާފައެވެ. ވަކިން ހާއްސަކޮށް، މަސްވެރިކަމާއި، ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި، ދަތުރުފަތުރުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ތަރައްގީގެ މަޝްރޫއުތަކަށް ޔޫއޭއީއިން ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން، ޔޫއޭއީގެ ވަލީއަހުދު ވަނީ ދެއްވާފައެވެ.
1970ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމު ބައިވެރިއެއްކަން ދިވެހި ސަރުކާރުން ފާހަގަ ކުރެއެވެ. ހުސްވި 2020 ވަނަ އަހަރުގެ މާޗް މަހުވެސް ޔޫއޭއީއިން ވަނީ 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް އެއްބަސްވުމަކާ ގުޅުންހުރި ފަހުމް ނާމާއެއްގައި ދިވެހިރާއްޖެއާއިއެކު ސޮއިކޮށްފައެވެ.
ޔޫއޭއީއަކީ ދިވެހިރާއްޖޭގެ އުމްރާނީ ބިނާވެށީގެ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމު ބައިވެރިއެއް ވެސް މެއެވެ. އެގޮތުން، މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަކީވެސް ޔޫއޭއީ އާއި ރާއްޖޭގެ ބަދަހި ގުޅުމުން ކުރި ފެޅި މަޝްރޫއުތަކެއްކަން ފާހަގަ ކުރަންޖެހެއެވެ.
ރައީސް ސޯލިހު ޔޫއޭއީއަށް ދަތުރުފުޅު ފެއްޓެވީ އާދީއްތަ ދުވަހުއެވެ. އަދި އަންގާރަ ދުވަހުގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.