ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައި ވާ ކަން ނުވަތަ ނޫން ކަން، އެންމެ 10 ސިކުންތުގެ ތެރޭގައި އަންގައިދޭ ޓެސްޓު ކިޓެއް އުފައްދައިފިއެވެ.

ނެނޯޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ މި ކިޓް ފަރުމާ ކުރީ ތުރުކީވިލާތުގެ ބިލްކެންޓް ޔުނިވާސިޓީގެ ދިރާސާ ޓީމަކުންނެވެ.

"ޑައިގްނޮވިއާ" ގެ ނަން ދީފައިވާ މި ޓެސްޓު ކިޓުވެސް ފަރުމާ ކޮށްފައި ވަނީ މިހާރުވެސް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ހެން، މީހާގެ އަނގައިން ސާމްޕަލް ނަގާ، އެކަމަށް ހާއްސަ ސޮލޫޝަންއަކާ އެއް ކުރާ ގޮތަށެވެ.

މި ކިޓް ހާއްސަ ވަނީ، މި ހާ ހިސާބުންނެވެ. ސޮލޫޝަންއާ ސާމްޕަލް އެއްކުރުމަށްފަހު ވައިރަސް ދެނެގަންނަ ޗިޕަށް މި އެއްކުރެއެވެ. އެހާ ހިސާބުން އެ ޗިޕުން ވައިރަހުގެ އަސަރު ދެނެގަނެ ފްލޮރިސަންޓް ސިގުނަލެއް ދެއެވެ.

ތުރުކީވިލާތުން ފަރުމާކުރި "ޑައިގްނޮވިއާ" ގެ ނަން ދީފައިވާ ކޮވިޑް-19 ޓެސްޓު ކިޓް / ފޮޓޯ: ޑެއިލީ ސަބާހް

ދިރާސާ ޓީމުގެ ފަރާތުން މީޑިއާއާ ވާހަކަ ދެއްކި މީހަކު ބުނީ، މި ޗިޕް ފަރުމާ ކޮށްފައި ވަނީ އެންމެ ޒަމާނީ އޮޕްޓިކަލް މެތަޑް ބޭނުން ކޮށްގެން ކަމަށެވެ. ބިލްކެންޓް ޔުނިވާސިޓީގެ ރެކްޓާ ޢަބްދުﷲ އަތަލާރު ވިދާޅުވީ، ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ މީހަކު ދުރާލާ ދެނެގަނެ އެމީހަކު އެކަހެރި ކުރުމަކީ، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި އިންތިހާއަށް މުހިންމު ކަމެއް ކަމަށެވެ.

ތުރުކިވިލާތުން އީޖާދު ކުރި ޓެސްޓު ކިޓް ފަރުމާ ކޮށްފައިވަނީ، ކޮވިޑް-19އަށް އެމީހަކު ޕޮޒިޓިވް ނަމަ 5-10 ސިކުންތު ތެރޭގައި ސިގުނަލް ލިބޭ ގޮތަށެވެ. އެމީހަކު އެ ބައްޔަށް ނެގެޓިވް ނަމަ، ނަތީޖާ ދައްކަނީ 20 ސިކުންތުންނެވެ.