މިފްކޯގެ ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭ، އެއީ ސަރުކާރުން ބަލަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް އިއްޔެ ވަނީ ޅ. ފެލިވަރުގައި މުޒާހަރާކޮށްފައެވެ. އެކަމާއި ގުޅިގެން މިހާރު ނޫހަށް ދިން އިންޓަވިއުއެއްގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެފައި ވަނީ މިފްކޯއިން ފެށުނީއްސުރެ ނު އަގުގައި މަސް ގަންނާތީ އެ ކުންފުންޏަށް ގެއްލުން ބޮޑުވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވިގެން އުޅޭ ކަމަށެވެ.
އެކަމާ ގުޅިގެން ސަލީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފްކޯގެ ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭ ކަމަށާއި އެއީ ސަރުކާރުން ބަލަން ޖެހޭ ކަމެއް ކަމަށެވެ.
ސަލީމް ވަނީ ކުންފުނިތައް ބަނގުރޫޓު ކޮށްލުމުން ޒިންމާ ނަގަން ޖެހެނީ މަސްވެރިންތޯ ސުވާލު ކުރައްވާފައެވެ.
އޭގެ އިތުރުން މަސްވެރިންނަށް ހަމަ އަގު ދީ ވައުދު ފުއްދާ ބޭކާރު ވާހަކަ ނުދެއްކުމަށް ސަލީމު ވަނީ ވިދާޅުވެފައެވެ.
އިއްޔެ ފެލިވަރުގައި މަސްވެރިން ކުރި މުޒާހަރާގައި މަސްވެރިން ކޮށްފައިވާ ޑިމާންޑުތަކުގެ ތެރޭގައި މަހުގެ އަގު 20 ރުފިޔާ އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބެހެއްޓުމާއި ލުއި ފަސޭހަކޮށް ފެލިވަރުން އައިސް ލިބެނޭ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެންގޮސް ބޭނުން ކުރަން ފެށުން އަދި ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.
ފެލިވަރަށް މަސްކިރަންދާ މަސްވެރިން ގިނަ ދުވަސްތަކެއް ވަންދެން މަސްނުކިރި ކިއުގައި މަޑުކުރަން ޖެހެއެވެ. އަދި ތާޒާކޮށް މަސްތައް ބެހެއްޓުމަށް ބޭނުންވާ އައިސް ނުލިބުމުގެ ސަބަބުން މަސްކިރަން ޖެހޭ ޓޯކަން ޖެހޭ އިރު މަސްވެރިން ބާނާފައި ހުންނަ މަސްތަކުގެ ކޮލިޓީ ދަށްވެގެން އެމަސްތައް ނުކިރި އުކާލަން ޖެހޭ ފަހަރުވެސް އާދެއެވެ. މިއީ އަދި ކަޅުބިލަމަހުގެ މަސްވެިރންގެ ޝަކުވާތަކެވެ.
މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިން ވެސް އަންނަނީ އެ މީހުންގެ ކަނބޮޑުވުންވެސް ފާޅުކުރަމުންނެވެ. އެ ގޮތުން މި މަހުގެ 10 ވަނަ ދުވަހު ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ކަނޑުމަތީގައި 100 އެއްހާ ދޯނި އެކުވެގެން ބޭއްވި ޖަލްސާގައި އޮޑިވެރިން ވަނީ ކަންނެލި ހަމައަގުގައި ގަތުމަށް ގޮވާލާފައެވެ. އަދި ޓޫރިޒަމް ޕްރޮމޯޓް ކުރާހެން މަސްވެރިންކަން ވެސް ޕްރޮމޯޓް ކުރުމަށާއި، ޓޫރިޒަމް އަށް ވަކިން މިނިސްޓްރީއެއް އޮތް ފަދައިން މަސްވެރިކަމަށް ވެސް ވަކި މިނިސްޓްރީއެއް ކަނޑައެޅުމަށާއި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.
ސަލީމުއަށް ދަންނަވަން ރުޅި އަންނަ ބަޔަކު ރުޅި އަޔަސް ޤުރުއާނުގެ އާޔަތް ކިޔަންޖެހޭ ތަންތަނުގައި ފިސާރި ސާބިތު ކަމާއެކު ކިޔާތި.އިބްލީސް ބިރުގަންނާނެ.