ކީރިތި ގުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖާގައި ފާސްވާ ހާފިޒުންނަށް މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ 1 ވަނަ ދަރަޖާގައި މި އަހަރު ފާސްވި ހާފިޒުންނަށް ހާއްސަ މެޑެލް ދިނުން އޮންނާނީ ދައުލަތުން ދޭ އެކި އިނާމުތައް ދިނުމަށް މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައި ކަމަށެވެ.
މި އަހަރު 1 ވަނަ ދަރަޖާގައި ފާސްވެފާވަނީ 4 ހާފިޒުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ ކީރިތި ގުރްއާން ހިތުދަސްކޮށް 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖާގައި ފާސްވާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެލް މީގެ ފަހުން ދޭނީ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ޖަލްސާގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ދިވެހި ދައުލަތުން މި އަހަރު ދޭ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ، މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގައި ދޭ އިނާމުތަކުގެ ތެރޭގައި، ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ހިމެނެއެވެ.
ގައުމީ އިނާމާ ބެހޭ ކޮމިޓީން ހާމަކޮށްފައިވާ މައުލޫމާތުތަަކށް ބަލާއިރު، މިއަހަރުގެ އިނާމަށް 26 ދާއިރާއަކުން ޖުމްލަ 94 ހުށަހެޅުމެއް ލިބިފައިވެއެވެ.
ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމައަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ.
ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމަކީ، ގައުމާއި މުޖުތަމައަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދޭ އިނާމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި ފަރާތްތަކަށް ދޭ އިނާމެކެވެ.